ކުޅިވަރު

ވިކްޓްރީއާ އީގަލްސްގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެ


އެސްޓީއޯ މާލޭ ލީގުގައި އީގަލްސްއާއި ވިކްޓްރީ ވާދަކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ. 

މިއަދު ހަވީރު ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރުވެގެންނެވެ. ފުރަތަމަ ހާފްގެ ވަރަށް ކުރީކޮޅު ލަނޑު ޖަހާ ލީޑު ނެގީ ކްލަބް އީގަލްސްއިންނެވެ. މިލަނޑު އޭރިހާ ތެރެއިން ރިހާމް ދިން ޕާހަކުން ކާމިޔާބުކޮށްދިނީ އަބްދުﷲ ސަމީހު މޫސާއެވެ. ހަމަހަމަ ކުޅުމެއް ފުރަތަމަ ހާފްގައި ފެނުނުއިރު ވިކްޓްރީއިން ނަތީޖާ ހަމަހަމަ ކުރީ 21 ވަނަ މިނެޓްގައެވެ. އީގަލްސްގެ އޭރިއާ ބޭރުން އިސްމާއިލް އީސާ ފޮނުވާލި ބޯޅަ އަމާޒުވީ އީ ގަލްސް ގޯލްގެ މަތީ ކަނަށެވެ.

މެޗްގެ ދެވަނަ ހާފްގައި އީގަލްސްއަށްވަނީ ލީޑު ހޯދުމަށް ރަނގަޅު ދެފުރުސަތެއް ލިބިފައެވެ. 80 ވަނަ މިނެޓްގައި އަންސަރު ފޮނުވާލި ހަމަލާ ކީޕަރު ދިފާޢު ކުރިއިރު މެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް އީގަލްސްގެ އިމްރާން ނަޝީދު މަތީ ކަނަށް ފޮނުވާލި ބާރު ހަމަލާވެސް ވިކްޓްރީގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މެޗަށްފަހު ވިކްޓްރީގެ ކޯޗް އަލީ ސުޒޭން ބުނީ ތިން މެޗުން އެއްޕޮއިންޓް ލިބުމުން ގަދަ ހަތަރަށް އެރުމަށް ވިކްޓްރީއަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި ކުރިއަށްހުރި މެޗްތަކުގައި ވިކްޓްރީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށެވެ. ބިދޭސީ ޑިފެންޑަރ ވެލިޗްކޯ އަނިޔާގެ ސަބަބުން މެޗްގައި ނުކުޅޭއިރު ފޯވާޑް ކެރިޗް އަނިޠާގެ ސަބަބުން ފުރަތަމަ ހާފަށްފަހު ބަދަލު ކުރަން ޖެހުމުން ވިކްޓްރީއަށް މެޗް ކާމިޔާބުކުރަން އުނދަގޫވި ކަމަށް ސުޒޭން ބުންޏެވެ.

"
މުޅި ޓީމް ހަމަކޮށްލައިގެން މެޗެއް ކުޅެން ވިކްޓްރީއަށް އަދި ނުލިބޭ. މި ލިބޭ ބްރޭކަށްފަހު ޓީމްގެ ކުޅުން ރަނގަޅުވާނެ.
ސުޒޭން

އީގަލްސްގެ ކޯޗް އިހުސާން އަބްދުލް ޢަނީ ބުނީ މިމެޗަކީ އީގަލްސްއަށް މޮޅު ވެވޭނެ މެޗެއް ކަމަށާއި ވިކްޓްރީ ކަހަލަ ބޮޑު ޓީމަކާ ދެކޮޅަށް އީގަލްސްގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.

" ކުޅުންތެރިންގެ މަސައްކަތް ރަނގަޅު މެޗްގައި. ވިކްޓްރީ ކަަހަލަ ބޮޑު ސްކޮޑަކާއެކު މިވަރުގެ ނަތީޖާ ނެރުނީމަ ހިތްހަމަ ޖެހޭ. ލިބުނު ފުރުސަތު ތަކާ ބަލާފަ ބުނެވޭނީ މިއީ ތިން ޕޮއިންޓް ހޯދޭނެ މެޗެކޭ" އިހުސާން ބުންޏެވެ.

ޕޮއިންޓަކާއެކު ތާވަލްގެ ހަވަނައިގައި ވިކްޓްރީ އޮތްއިރު 4 ޕޮއިންޓާއެކު އީގަލްސް އޮތީ ތާވަލްގެ ތިންވަނައިގައެވެ.