ކުޅިވަރު

ވެލެންސިޔާ ބަލިކޮށް ލީގުގެ ފެށުން ޓީސީ ރަނގަޅުކޮށްފި


ވެލެންސިޔާގެ މައްޗަށް ފަސޭހަކަމާއިއެކު ކުރި ހޯދައި މާލޭ ލީގުގެ ފެށުން ޓީސީން ރަނގަޅުކޮށްފިއެވެ. 

އެސްޓީއޯ މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ވެލެންސިޔާ ވާދަކުރި މެޗް ޓީސީން ކާމިޔާބުކުރީ 3-0ންނެވެ. މެޗުގައި ޓިސީގެ ފުރަތަމަ ލަނޑު ޖަހައިދިނީ ތަޖުރިބާކާރު މިޑްފިލްޑާރ ޝަމްވީލް ގާސީމެވެ. ޓީސީގެ ދެވަނަ ލަނޑު މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ނާއިޒް ހަސަން ޖަހައިދިންއިރު 3 ވަނަ ލަނޑު ޖަހައިދިނީ އަލީ ނާފިއުއެވެ. 

މި މެޗުގައި ވެލެންސިޔާގެ ގޯލަށް ޓީސީން ގިނަ ހަމަލާތަކެއްވަނީ ފޮނުވާލާފައެވެ. މިގޮތުން އިބްރާހިމް ވަހީދާއި، ނާއިޒް ހަސަން މެޗުގައި ޓީސީގެ ގިނަ ހަމަލާތަކެއް އުފެއްދިކަން ފާހަގަކޮށްލެވެއެވެ. 

މި މެޗަކީ ޓީސީން މިއަހަރުގެ ސީޒަންގައި ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ ބަންގްލަދޭޝްގައި ކުރިއަށްދިޔަ ޝެއިޚް ކަމާލް އިންޓަރނޭޝަނަލް ކަޕްގެ ތަށި ކާމިޔާބުކުރިފަހުން އެޓީމް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗްގައި ޓީސީއާއި މި ސީޒަންގައި ގުޅުނު ފޯވާޑް އިބްރާހިމް މަހުދީ ކުޅެފައެއް ނުވެއެވެ. 

ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ހޯދި ފުރަތަމަ މޮޅަށްފަހު ޓީސީ ދެން ނިކުންނާނީ ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށެވެ. ވެލެންސިޔާ ލީގުގައި ދެން ނިކުންނާނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. މި ދެ މެޗްވެސް ކުޅޭނީ އަންނަ އަންގާރަ ދުވަހުގައެވެ.