ކުޅިވަރު

އިތުރު ތަމްރީން ހޯދުމަށް ގްރީން ސްޓްރީޓް ކޯޗް ސޮބާހު ބާސެލޯނާއަށް


އިތުރު ތަމްރީނާއި ތަޖުރިބާ ހޯދުމަށް ކްލަބް ގްރީސް ސްޓްރީޓްސްގެ ކޯޗް ސޮބާޙް މުޙައްމަދު ބާސެލޯނާގެ ޓޯވޯ އެކަޑަމީއަށް ހިނގައްޖެއެވެ. 

ގްރީން ސްޓްރީޓްސްގެ ފޭސްބުކް ޕޭޖްގައި ހާމަކޮށްފައިވާގޮތުގައި ގްރީންސްޓްރީޓްގެ މެނޭޖްމަންޓުން ކޯޗް ސޮބާ ބާސެލޯނާއަށް ފޮނުވީ ޢަމަލީ ވަރަށްބައިވަރު ތަޖުރިބާތަކެއް ހޯދައިދީ ގްރީން ސްޓްރީޓްސްގައި ތިބި ހުނަރުވެރި ކުޅުންތެރިންގެ ފެންވަރު މިހާރަށްވުރެ ރަނގަޅު ކުރުމަށް ކަމަށް ބުނެފައިވެއެވެ. ޓޯވޯ އެކަޑަމީއަކީ ފުޓްބޯޅައިގެ ހުރިހާ ތަމްރީނުތަކެއް ދެމުން އަންނަ ސްޕެއިންގެ ބާސެލޯނާއަށް ނިސްބަތްވާ އެކަޑަމީއެކެވެ. ގްރީން ސްޓްރީޓުން މަޢުލޫމާތު ދޭގޮތުގައި ގްރީން ސްޓްރީޓުން މި އެޅި ބިންގަލަކީ އެކްލަބްގެ އެކަޑަމީ ތަރައްޤީ ކުރުމާއި ކުޅުންތެރިންނަށް ޤައުމީ ލެވެލްގައި ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމާއި ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ ފެންވަރެއްގައި ވާދަކުރުމުގެ ފުރުޞަތު ކުޅުންތެރިންނަށް ހޯދައިދިނުމެވެ. 

ގްރީން ސްޓްރީޓުންވަނީ އެޓީމް ފުރަތަމަ ޑިވިޝަނަށް ގެނެސްދިން ކޯޗް ސޮބާޙް މުޙައްމަދަށް މަރުޙަބާ ކިޔާ ކުރިއެރުމަށް އެދިފައެވެ. އަދި ޓޯވޯ އެކަޑަމީއާއެކު ހޭދަކުރާ ދުވަސްތަކުގައި އެ އެކަޑަމީއާ ގުޅިގެން ގްރީން ސްޓްރީޓްގެ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ތަމްރީނު ލިބޭނޭ މަގު ފަހިކޮށްދިނުމަކީ ގްރީން ސްޓްރީޓުން ކުރާ އުއްމީދެއް ކަމަށް އެޓީމުންވަނީ ހާމަކޮށްފައެވެ. ޕީއެސްއެމް ސްޕޯޓްސްއަށް ފޯނުން މަޢުލޫމާތު ދެމުން ކޯޗް ސޮބާބުނީ މީ ކުރިމަގު ބިނާ ކުރުމަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއްކަމަށެވެ. 

" ޓޯވޯ އެކަޑަމީގައި ތަމްރީނުދޭ ފަރާތްތަކަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް ކޯޗްކަން ކޮށްދީފައިވާ ޕްރޮފެޝަނަލް މީހުން ކަމުން މީ ކުރިމަގަށް އެޅުނު ވަރަށް މުހިންމު ބިންގަލެއް " ސޮބާ ބުންޏެވެ.

ސޮބާ ބުނީ މިކަމުގައިގްރީން ސްޓްރީޓާއި ވިކްޓްރީގެ ކުރީގެ ކޯޗް މަޢުރޫފް އަޙްމަދު މާއްޓޭގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ.