މައިލޯ އިންޓަރސްކޫލް ވޮލީބޯޅަ މުބާރާތުގެ ސޯޅަ އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން 2ވަނަ ފަހަރަށް ބ.ގޮއިދޫ ސްކޫލް ހޯދައިފިއެވެ.
ގޮއިދޫ ސްކޫލް ޗެމްޕިއަންކަންހޯދީ ފައިނަލްގައި އަޙްމަދިއްޔާ ސްކޫލާ ވާދަކޮށް 3 ސެޓް 1 ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް 25 - 14 އިން ކާމިޔާބުކުރީ އަޙްމަދިއްޔާ ސްކޫލެވެ. އަޙްމަދިއްޔާ ސެޓެއް ގެންގޮސްފައިވަނިކޮށް ގޮއިދޫ ސްކޫލް ފަހަތުންއަރާ 3 ސެޓް ކާމިޔާބުކުރީ 25 - 16، 25 - 17 އަދި 25 -21 ންނެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މިމެޗްގެ މޮޅު ކުޅުންތެރިއަކީ ބ.ގޮއިދޫ ސްކޫލްގެ އައިމިނަތު އަފާފެވެ. މިއުމުރުފުރާގެ އެންމެފަހުގެ ޗެމްޕިއަނުންނަކީވެސް ބ.ގޮއިދޫ ސްކޫލެވެ.
މިމުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ތާޖުއްދީން ސްކޫލެވެ. އަދި އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ މުޙްޔިއްދީން ސްކޫލެވެ. މިއަދު ކުޅުނު މި ދެފައިނަލްގައިވެސް ވާދަކޮށްފައިވަނީ ތާޖުއްދީން ސްކޫލާއިމުޙްޔިއްދީން ސްކޫލެވެ. ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ތާޖުއްދީން ހޯދީ 3 ސެޓް 2 ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް މުޙްޔިއްދީން ކާމިޔާބުކުރީ 25 - 22 އިންނެވެ. ޖެހިގެންއައި 2 ސެޓް ތާޖުއްދީން ކާމިޔާބުކުރީ 25 - 18 އަދި 26 - 24 ންނެވެ. 4ވަނަ ސެޓް މުޙްޔިއްދީން ކާމިޔާބުކުރީ 25 - 18 އިންނެވެ.. އަދި ފަހު ސެޓް ތާޖުއްދީން ކާމިޔާބުކުރީ 15 - 8 އިންނެވެ. .ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ ތާޖުއްދީން ސްކޫލްގެ އަޙްމަދު ނާއިލްމުޙައްމަދެވެ. އަންހެން ޑިވިޝަންގެ މެޗް މުޙްޔިއްދީން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. މެޗްގެ ސެޓްތައް މުޙްޔިއްދީން ކާމިޔާބުކުރީ 27 - 25، 25 - 23 އަދި 25 - 12 އިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކީ މުޙްޔިއްދީންގެ އިއުފާ އަރީފެވެ.