ކުޅިވަރު

ޗެމްޕިއަންސް ލީގުގައިވެސް ލެސްޓަރ ވާނީ ސަޕްރައިޒިންގ ޓީމަކަށް


ޗެމްޕިއަންސް ލީގުގައިވެސް ލެސްޓަރ ސިޓީއަކީ އެންމެން ހައިރާންކޮށްލާނެ ޓީމެއް ކަމަށް އެޓީމްގެ ކޯޗް ޝޭކްސްޕެއާ ބުނެފިއެވެ. 

ރޭ ސްޕެއިންގެ ސެވިއްޔާ ބަލިކޮށް ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގެ ޖާގަ ހޯދި މެޗަށްފަހު ލެސްޓަރގެ ކޯޗް ބުނީ ލެސްޓަރއަކީ މުޅި ފުޓްބޯޅައަށް ސިހުން ގެނުވާނެ ޓީމެއް ކަމަށާއި ރޭގެ ނަތީޖާ އަކީ އެކަމުގެ ހެއްކެއް ކަމަށެވެ. ޕްރިމިއަރ ލީގުގައި ޓީމު އޮތް ހާލަތުން އަރައިގަތުމަށް ރޭ ލިބުނު މޮޅަކީ ބޮޑު ހިތްވަރެއް ކަމަށް ކޯޗް ޝެކްސްޕެއާ ބުންޏެވެ. މިނަތީޖާ ލެސްޓަރއަށް ހޯދުނީ ކުރީގެ ކޯޗް ކްލައުޑިއޯ ރަނިއޭރީގެވެސް އެހީތެރިކަމާއެކު ކަމަށް ރައނިއޭރީގެ އެސިސްޓެންޓެއްގެ ގޮތުގައި ލެސްޓަރގައި މަސައްކަތްކުރި ޝެކްސްޕެއާ ބުންޏެވެ. ސެވިއްޔާ ދަނޑުގައި ދެލަނޑު އެއްލަނޑުން ފުރަތަމަ ލެގުގައި ލެސްޓަރ ބަލިވިއިރު ރޭ އަމިއްލަ ދަނޑުގައި ސެވިއްޔާގެ މައްޗަށް ލެސްޓަރ ކުރިހޯދީ ދެލަނޑު ސުންލަނޑުންނެވެ. 

 ފުރަތަމަ ހާފްގައި ލެސްޓަރގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް މޯގަންއެވެ. މިއީ ޖެމެއިކާ ކުޅުންތެރިއަކު ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. ދެވަނަ ހާފްގެ ކުރީކޮޅު ލީޑު ފުޅާކޮށްދިނީ މާކް އޯލްބްރައިޓަންއެވެ. މެޗްގެ ހަތްދިހަ ހަތަރުވަނަ މިނެޓްގައި ނަސްރީއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލިއިރު މެޗް ނިމެން ދިހަ މިނެޓަށް ވެފައިވަނިކޮށް ސެވިއްޔާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ސްޓީވެން އެންޒޯންޒީ ފޮނުވާލި މި ޕެނަލްޓީގެ ހުރަހަކަށްވީ ލެސްޓަރގެ ކީޕަރ ކެސްޕަރ ޝޫމައިކަލްއެވެ. ޝޫމައިކަލް ވަނީ މިދެޓީމް ފުރަތަމަ ލެގުގައި ވާދަކުރި މެޗްގައިވެސް ޕެނަލްޓީއެއް ދިފާޢުކޮށްފައެވެ.

 ޗެމްޕިއަންސް ލީގުގައި އަލަށް ވާދަކުރަމުންދާ ލެސްޓަރ ސިޓީ މިއަހަރުގެ ގްރޫޕް ސްތޭޖްވެސް ނިންމާލީ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ލެސްޓަރއަކީ މިއަހަރުގެ ޗެމްޕިއަންސް ލީގު ކުއާޓަރފައިނަލުން ޖާގަ ހޯދި އިނގިރޭސި ފުރަތަމަ ކްލަބެވެ.