ވިޔަފާރި

ޓީއެމްއޭއިން އިތުރު ބޯޓެއް ގެނެސްފި


ދުނިޔޭގެ އެންމެބޮޑު ސީޕްލޭން އޮޕަރޭޓްކުރާ ކުންފުނި، ޓްރާންސް މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އިތުރު ބޯޓެއް ރާއްޖެ ގެނެސްފިއެވެ.

ޓީއެމްއޭއިން ބުނީ، އެކުންފުނީގެ އުދުހުންތަކުގައި ބޭނުންކުރުމަށް އަލަށް ގެނެސްފައިވަނި، ހެވިލެންޑް ކެނެޑާގެ އުފެއްދުމެއްކަމަށްވާ ޓްވިން އޮޓަރ ބްރޭންޑްގެ DHC-6 SERIES 300 ބޯޓެކެވެ.

މިއީ މިހާރުވެސް ޓީއެމްއޭގެ އުދުހުންތަކުގައި އާއްމުކޮށް ބޭނުންކުރާ ވައްތަރުގެ ބޯޓެކެވެ. މި ބޯޓް ގެނެސްފައިވަނީ ކެނެޑާއިންނެވެ. ޓީއެމްއޭއިން ބުނީ، އެކުންފުނީގެ އުދުހުންތަކުގައި ބޭނުންކުރުމަށް އާ ބޯޓެއް ގެނެސްފައިމިވަނީ ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އައުމާއި ގުޅިގެންކަމަށެވެ. ޓީއެމްއޭއިން ބުނީ ކުރިއަށްއޮތްތަނުގައިވެސް ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް ބަލައި އިތުރު ބޯޓްތައް ރާއްޖެ ގެންނާނޭ ކަމަށެވެ.

މިދިޔަ އަހަރު ޓީއެމްއޭގެ ފްލައިޓްތަކުގެ އުދުހުންތަކުގެ ޢަދަދު 120،000 އަރާކަމަށް ޓްރާންސް މޯލްޑިވިއަން އެއަރވޭސް، ޓީއެމްއޭއިން މައުލޫމާތުދެއެވެ. ޓީއެމްއޭގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ބޯޓްތަކުގެ ޢަދަދު ސާޅީހަށްވުރެ މަތީގައި އުޅޭއިރު، ސީޕްލޭންގެ ޙިދުމަތްހޯދާ ދަތުރުވެރިންގެ ޢަދަދު އަހަރެއްގެ މައްޗަށް މިލިއަނަކަށް އަރާކަމަށް ޓީއެމްއޭއިން ބުނެއެވެ.