ތަރައްްޤީ

ރައީސް، ފަލަސްތީނުގެ ކުޅިވަރާއިބެހޭ ވަޒީރާ ބައްދަލުކުރައްވައިފި


ފަލަސްތީނުގެ މިނިސްޓަރ-ޗެއަރމަން އޮފް ދަ ޕަލަސްތީނިއަން ހަޔަރ ކައުންސިލް ފޯރ ޔޫތް އެންޑް ސްޕޯޓްސް، ޖެނެރަލް ޖިބްރީލް ރަޖޫބް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި، މިނިސްޓަރ-ޗެއަރމަން ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި، ފަލަސްތީނުގެ ރައީސަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް މިނިސްޓަރ-ޗެއަރމަންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. 

img:http://s1.psmnews.mv/images/660x400/14906991743251.jpg|ފަލަސްތީނުގެ މިނިސްޓަރ-ޗެއަރމަން އޮފް ދަ ޕަލަސްޓީނިއަން ހަޔަރ ކައުންސިލް ފޯރ ޔޫތް އެންޑް ސްޕޯޓްސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ފަލަސްތީނާ ދެމެދުގައި ޤާއިމްކުރެވިފައިވާ އެކުވެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ފަލަސްތީނަށް ބައިނަލްއަޤްވާމީ މަސްރަހުގައި ދިމާވާ މައްސަލަތަކުގައި ރާއްޖެއިން އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މިނިސްޓަރ-ޗެއަރމަން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަރާތުން ފަލަސްތީނަށް އަބަދުވެސް އެއްބާރުލެއްވުން ދެއްވާކަމަށްޓަކައި ޝުރުކުއަދާކުރެއްވިއެވެ. އަދި، މިރޭ ދެ ޤައުމުގެ ދެމެދުގައި ކުޅުމަށް ހަމަޖެހިފައިވާ ފުޓްބޯޅަ މެޗަށް އިންތިޒާރުކުރައްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14906991861312.jpg|ފަލަސްތީނުގެ މިނިސްޓަރ-ޗެއަރމަން އޮފް ދަ ޕަލަސްޓީނިއަން ހަޔަރ ކައުންސިލް ފޯރ ޔޫތް އެންޑް ސްޕޯޓްސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އަލްފާޟިލާ އިރުތިޝާމް އާދަމްއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރ-ޗެއަރމަންގެ އަރިހުގައި، ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފަ ހުންނަވާ ނަން-ރެސިޑަންޓް އެމްބެސެޑަރ، ހިޒް އެކްސެލެންސީ ޑާޓޯ އަންވަރު އެޗް.އަލް އަޤާ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.