ވިޔަފާރި

އެސްޓީއޯ "ރަމަޟާން ބާޒާރު" ފަށައިފި


އަގުހުރި އިނާމްތަކާއި އެކު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ "ރަމަޟާން ބާޒާރު" ފަށައިފިއެވެ.

ރޯދަ މަހަށް ޚާއްސަކޮށްގެން އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ރަމަޟާން ބާޒާރުގައި މިއަހަރު ހިމަނާފައިވާ އިނާމްތަކުގެ ފައިސާގެ ޢަދަދު ތިންސަތޭކަހާހަށް އަރައެވެ.

އެސްޓީއޯ ރަމަޟާން ބާޒާރު ދެހާސް ސަތާރަ އިފްތިތާހު ކޮށްދެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރ، މުހައްމަދު ނިހާދެވެ.

މިއަހަރުގެ ޕްރޮމޯޝަނާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގެ ސީނިއާ ބްރޭންޑު މެނޭޖަރ އާމިނަތު ޝުރުފާ ވިދާޅުވީ މި ޕްރޮމޯޝަންގައި ކުރާ ކޮންމެ އެއްހާސް ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް އިނާމް ދިނުމުގެ އިތުރަށް، ޕްރޮމޯޝަންގެ މުއްދަތު ނިމުމުން ނަގާ ލަކީ ޑްރޯގައި އަގު ހުރި އިނާމްތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް ޝުރުފާ ވިދާޅުވިއެވެ.

"ގްރޭންޑު ޕްރައިސްގެ ތެރޭގައި، ފުރަތަމަ އިނާމަކީ ދެ ބޭފުޅުންނަށް ބެންކޮކް ދެކޮޅު ޓިކެޓު، އޭގެ އިތުރުން 50000 ރުފިޔާގެ ހޯމް އިމްޕްރޫވްމަންޓުގެ ޕްރޮޑަކްޓްސްވެސް ހިމެނޭނެ، ދެވަނަ ޕްރައިސް އަކަށް މީނީ ޗެންނާއީ ދެކޮޅު ޓިކެޓު އެއް ބޭފުޅަކަށް، އެއާ އެކީ ހަމަ އެބަ ހިމެނޭ 30000 ރުފިޔާގެ އަގުހުރި އިނާމްތައްވެސް، ދެން ތިންވަނަ ޕްރައިސްއަކަށް މީނީ އަދާރަން ސިލެކްޓު ހުދުރަންފުށީގައި ދެ ދުވަހުގެ ޗުއްޓީއެއް ހޭދަކޮށްލުމުގެ ފުރުސަތާއި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ހުށަހަޅާ އިނާމްތައް،" ޝުރުފާ ވިދާޅުވިއެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ  ޖޫން މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް. އަދި އެ ޕްރޮމޯޝަން މާލޭގައި ހުންނަ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައާއި، އަތޮޅު ތެރޭގައި ހުންނަ އެކުންފުނީގެ ފިހާރަތަކުގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. 

މީގެއިތުރުން އެސްޓީއޯ ރަމަޟާން ބާޒާރާ ގުޅުވައިގެން ހިޓާޗީ އެއަރކޮންޓިޝަން ޕްރޮމޯޝަނަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ރޯދަ ޕްރޮމޯޝަންގެ ތެރޭގައި އެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން އޭސީ ގަންނަ ފަރާތްތަކަށް ހިލޭ އޭސީ ހަރުކޮށްދިނުމުގެ ޚިދުމަތްދިނުމަށް ވަނީ ހަމަޖެހިފައެވެ.