ޚަބަރު

ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް އަނެއްކާވެސް ދައުވަތު ދެއްވައިފި


އިދިކޮޅު ސިޔާސީ ޕާޓީތަކާއެކު، މަޝްވަރާތައް ފެށުމަށް ސަރުކާރުން އަނެއްކާވެސް ދައުވަތު ދެއްވައިފިއެވެ، 

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ސަރުކާރުގެ ފަރާތުން މަޝްވަރާގައި ބައިވެރިވެވަޑައިގެންނަވާ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަށް ސަރުކާރުން އަބަދުވެސް މަރުޚަބާ ކިޔާކަމަށެވެ. އަދި ސަރުކާރުގެ ތެރޭގައި ގޯސްކޮށް ކަންތައްތަކެއް ދާކަމަށް އިދިކޮޅު ފަރާތްތަކަށް ޤަބޫލުކުރެއްވޭނަމަ، މަޝްވަރާކޮށްގެން އެކަންކަން ހައްލުކުރުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލައްވާފައިވާކަމަށެވެ. 

ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް ކަމެއް ފާހަގަނުކުރާއިރު، މަޝްވަރާކުރުމަށްވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އެއްބާރުލުން ނުދެއްވާކަމަށް ޝައިނީ ވިދާޅުވިއެވެ. އަދި މިހާތަނަށްވެސް މަޝްވަރާތައް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވިފައިނުވަނީ ޝަރުޢީ ގޮތުން ޙުކުމްތަކެއް ތަންފީޒުކުރަމުންދާ ބަޔަކު މިނިވަން ކުރުމަށް ހުށަހެޅުންފަދަ، ޒާތީ މަސްލަހަތު ހިމެނޭ ޝަރުތުތަކެއް ކުރިމަތިކުރުމުންކަމަށް ޝައިނީ ވިދާޅުވިއެވެ. އަދި އެއީ ސަރުކާރަށް ބާރު ފޯރުވޭނެ ކަންތައްތަކެއް ނޫންކަން ޝައިނީ ފާހަގަކުރެއްވިއެވެ.