ވިޔަފާރި

ހުއިފިލަނޑާ އާލާކުރުމަށް ލ.އިސްދޫ ރައްޔިތުންނަށް ލޯނު ދެނީ


މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ފެށުމަށް ލ.އިސްދޫ ރައްޔިތުންނަށް ލޯން ދޭންނިންމައި، ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ލ. އިސްދޫގެ 50 ފަރާތަކަށް އެ މަސައްކަތް ފެށުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް، (އިފާޑް)ގެ ލޯނު އެހީއާއި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ކުރިއަށްގެންދާ (މެރިކަލްޗަރ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް)ގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ތަޢާރަފުކޮށް ތަރައްޤީކުރުމަށް މަގުފަހިކުރުމެވެ.

މިމަޝްރޫޢުގެ ދަށުން އަޖުމަބެލުމުގެ ގޮތުން ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ލ. އަތޮޅު ދަނބިދޫއާއި ކަލައިދޫގައިގައިވަނީ ފަށާފައެވެ. ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޝްރޫއުގެ ދަށުން ލުއި ލޯނުގެ ފުރުޞަތު ހުޅުވާލައިގެންނެވެ.

ލޯނުގެ އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ، ކޮށިއެޅިމަށް ބޭނުންވާ ތަކެއްޗާއި ޅަ ހުއިފިލަނޑާއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ، މިނިސްޓްރީ އާއި ބަރަކަތުލް ބަހްރު ޕްރައިވެޓް ލިމިޓެޑްގެ ފަންނީ އެހީތެރިކަމާ އެކުގައެވެ.

ހުއިފިލަނޑާ އާލާކުރުމުގެ ޕައިލެޓް ފިޔަވަހީގައި ލ. ކަލައިދޫ އާއި ލ.ދަނބިދޫގެ 100 ފަރާތަށް ފުރުޞަތު ދިނުމަށްފަހު އެމަސައްކަތް ވަނީ ފަށާފައެވެ. އަދި މިހާރު ލ. އިސްދޫގައި އިތުރު 50 ފަރާތަކަށް އެ މަސައްކަތް ފެށުމަށް މިހާރު މިވަނީ ފުރުޞަތު ހުޅުވާލެވިފައެވެ.

ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުޞަތު މިމަހުގެ އެކަކުން ފެށިގެން މިމަހުގެ ދިހައެއްގެ ނިޔަލަށް ލ. އިސްދޫގެ ރައްޔިތުންނަށް ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

ލޯނުގެ ގޮތުގައި ކޮންމެ ފަރާތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 50،000 ރުފިޔާއަށްވާ ތަކެއްޗެވެ. އެއީ، ސައުވީސްހާސް ރުފިޔާގެ މަގުން އަގުކޮށްފައިވާ ހުއިފިލަނޑާ ބޮޑުކުރާ ކޮށްޓަށް ބޭނުންވާ ތަކެއްޗާއި، ސައްބީސްހާސް ރުފިޔާގެ މަގުން އަގުކޮށްފައިވާ ކުދި ހުއިފިލަނޑާއެވެ.

މިފިޔަވަހީގެ ދަށުން ދޫކުރާ ލޯނުގެ އިންޓަރެސްޓް ރޭޓަކީ ހަޕަސެންޓެވެ. އަދި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ލިބެއެވެ. ލޯނު އަދާކުރުމުގެ އެންމެ ދިގު މުއްދަތަކީ 18 މަސްދުވަހެވެ. މިމުއްދަތު ބެލޭނީ ގްރޭސް ޕީރިއަޑް ހިމެނޭ ގޮތަށެވެ. މިފިޔަވަހީގެ ދަށުން ލޯނަށް އެދި ހުށައަޅާ ފޯމާއި ލިޔުންތައް ބަލައިގަންނާނީ ލ.އިސްދޫ ކައުންސިލްގެ އިދާރާއިން ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

tw:https://twitter.com/FishAgri/status/848101282220974080