ޚަބަރު

ނަރުދޫއަށް ކަރަންޓް ފޯރުކޮށްދިނުމަށް ޖަނަރޭޓަރެއް ގެންދަނީ


ށ އަތޮޅު ނަރުދޫއަށް ކަރަންޓްގެ ޚިދުމަތް ދިނުމަށްޓަކައި ށ ފޭދޫއިން 128 ކިލޯވޯޓްގެ ޖަނަރޭޓަރެއް އެރަށަށް ގެންދިއުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.

ފެނަކައިން ނަރުދޫގައި ކަރަންޓްގެ ޙިދުމަތް ދުނުމަށް ބޭނުންކުރަމުންއައި 2 ޖަނަރޭޓަރުގައި މިއަދު މެންދުރު 12:00 ހާއިރު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ދެ ޖަނަރޭޓަރުވެސް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. މި ހާދިސާ ހިނގުމާއިއެކު އިންޖީނުގެއިން ކަރަންޓް ކަނޑާލައި، ނަރުދޫ ރައްޔިތުންގެ އެހީތެރިކަމާއިއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ނިއްވާލެވުނު ކަމަށް ފެނަކައިންބުނެއެވެ. މި ހާދިސާއާ ގުޅިގެން މުޅި ނަރުދޫއިން މިހާރުވަނީ ކަރަންޓް ކެނޑިފައެވެ.

މި ޙާދިސާއާ ގުޅިގެން ފެނަކައިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ނަރުދޫއަށް ކަރަންޓްގެ ޚިދުމަތް ދިނުމަށްޓަކާ ށ ފޭދޫއިން 128 ކިލޯވޯޓްގެ ޖަނަރޭޓަރެއް އެރަށަށް ގެންގޮސް މިއަދު އިރު އޮއްސުމުގެ ކުރިން ކަރަންޓްގެ ޚިދުމަތް ދިނުމަށް ފެނަކައިގެ ޓީމުން މަސައްކަތްކުރަމުންދާކަމަށެވެ.

މި ހާދިސާގައި އަލިފާން ރޯވުމުގެ ސަބަބުން ބޭނުން ނުކުރެވޭވަރަށް އަނދާފައިވަނީ ނަރުދޫއަށް ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންއައި 80 ކިލޯވޯޓްގެ ޖަނަރޭޓަރަކާއި 50 ކިލޯވޯޓްގެ ޖަނަރޭޓަރެކެވެ. 

ނަރުދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިހާރު ގެންދަނީ ތަޙްޤީޤް ކުރައްވަމުންނެވެ.