ޚަބަރު

ރައީސް، ސާކްގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި


ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން، ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސެލެންސީ އަމްޖަދް ޙުސައިން ބީ. ސިއާލް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސާކްގެ އައު ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއި އަމްޖަދް ޙުސައިން ބީ. ސިއާލް ހަވާލުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14912207616788.jpg|ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސާކްގެ އައު ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި ސާކްގެ ކަންކަން ދެމެހެއްޓެނިވި ގޮތަކަށް އިތުރަށް ކުރިޔަށް ދާނެކަމަށް އުއްމީދުކުރައްވާކަމުގައާއި ސާކް ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ ގޮތުން އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އިޝާރާތްކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ސާކް މެދުވެރިކޮށް ސާކް ޤައުމުތަކުގެ މެދުގައި ސަރަހައްދީ އެއްބާރުލުން އިތުރުކުރުމާއި، ދޭދޭ ޤައުމުތަކުގެ މަސްލަހަތު އޮންނަ ކަންކަމުގައި ބޭނުންވާ ފުރުޞަތުތައް ފޯރުކޮށްދިނުމާއި ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސާކް ޗާޓަރގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި އެ މުއައްސަސާއިން ދުރުވިސްނޭ ރަނގަޅު ސިޔާސަތަކާއި ދިމާލަށް މިސްރާބް ޖަހާނެކަމަށް އުންމީދު ކުރައްވާކަމުގައާއި، ސާކްގެ މެންބަރު ޤައުމުތަކުން ވެސް އެކުވެރިކަމާއިއެކު ސާކްގެ އުސޫލުތަކަށް އެއްބާރުލުންދެއްވާނެކަމަށް އުންމީދުކުރައްވާނެކަމުގައި ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14912207867473.jpg|ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

ސާކްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނަށް ރާއްޖެއިން ވިދާޅުވި މަރްޙަބާއަށް ޝުކުރު ދަންނަވާކަމުގައާއި، ރާއްޖޭގެ ސަރުކާރުން ސާކްގެ ކުރިއެރުމަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.