ޚަބަރު

ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި ދޯންޏެއް ދިޔަވަނީ!


ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި ގެއްލުންވި ދޯންޏެއް ދިޔަވަމުންދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށްޓަވައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، "ބަންދާ" ނަމަކަށް ކިޔާ 90 ފޫޓުގެ ކޮންޓެއިނަރ އުފުލާ ދޯންޏެއް ކަނޑުމަތިން ހިނގި އެކްސިޑެންޓަކާއި ގުޅިގެން ދިޔަވަމުންދާތީ ރޭ ދަންވަރު 12:16 ހާއިރުން ފެށިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަމުންދާކަމަށެވެ. 

މި ދޯނި ދިޔަވާން ފެށީ ގދ.ގައްދޫ އާއި ފަސް ނޯޓިކަލް މޭލު ހުޅަނގު ދެކުނުން ދަތުރުކުރަމުން ދިޔަ އެސްޓީއޯގެ ތެޔޮ ބާޖް "ގުރާބް" ގައި ޖެހި ހިނގި އެކްސިޑެންޓެއްގެ ސަބަބުންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. 

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިނުވާއިރު، ދޯނީގައި ފަޅުވެރިންގެ ގޮތުގައި ދެ ދިވެހިންނާއި ތިން ބިދޭސީން ތިބިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. ދޯނީގައި ތިބި ފަޅުވެރިން އެސްޓީއޯގެ ތެޔޮ ބާޖަށް ނަގާފައިވާއިރު ދޯނި ފެންމަތިކުރުމުގެ މަސައްކަތް އެމްއެންޑީއެފާއި ދޯނީގެ ވެރިފަރާތް ގުޅިގެން ދަނީ ކުރަމުންނެވެ.