ޚަބަރު

ރައުދާގެ މަރުގެ މައްސަލާގައި ދަރިވަރަކާ ސުވާލުކުރަން ފަށައިފި


ބަންގްލަދޭޝްގައި މަރުވި ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލައިގައި އެނާއާއެކު ކިޔަވަމުންދިޔަ ކުއްޖަކާ ސުވާލުކުރަމުންދާކަމަށް ބަންގްލަދޭޝްގެ ފުލުހުން ހާމަކޮށްފިއެވެ.

ރައުދާގެ މަރުގެ މައްސަލަ ތަހްޤީޤްކުރަމުންދާ ރާޖްޝާހީ މެޓްރޯޕޮލިޓަންޓް ޕޮލިހުގެ އިންސްޕެކްޓަރ ރަޝީދުލް އިސްލާމް ވިދާޅުވީ ރައުދާއާއެކު އެއް ކްލާހެއްގައި ކިޔަވަމުންދިޔަ ކުއްޖެއްގެ ފޯނުންކޮށްފައިވާ މުޢާމަލާތްތައް ބަލައި، އެކުއްޖާއާ ސުވާލުކުރަމުންދާކަމަށެވެ. ބަންގްލަދޭޝްއިން ބޭރުގެ ޤައުމަކަށް ނިސްބަތްވާ މިކުއްޖާއަށް މިމައްސަލައިގައި ތުހުމަތު ކުރެވޭކަމެއް ނުވަތަ ނޫންކަމެއްވެސް ބަންގްލަދޭޝް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް ރައުދާގެ މަންމަ އެކުއްޖާއަށް ވަރަށް ބޮޑަށް ތުހުމަތުކުރާކަމަށް ރައުދާގެ މަންމައާ ޙަވާލާދީ ބައެއް މީޑިއާތަކުގައިވަނީ ރިޕޯޓުކޮށްފައެވެ. ރައުދާގެ މަންމައާ ޙަވާލާދީ ބަންގްލަދޭޝްގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، ތުހުމަތުކުރެވޭ އެކުއްޖާވަނީ މީގެ ދުވަސްތަކެއް ކުރިން ރައުދާއަށް ނިދާ ބޭސް އަޅާފައި ހުރި ޖޫސްތައްޓެއް ބޯންދޭން މަސައްކަތްކޮށްފައިކަމަށެވެ.

img:http://s2.psmnews.mv/images/660x400/14913003163100.jpg|ރައުދާ ކިޔަވަމުންދިޔަ އިސްލާމިކް ބެންކް މެޑިކަލް ކޮލެޖު / ކޮލެޖުގައި ހަރުކަށި ވިސްނުމަށް ތާޢީދުކުރާ ފަރާތްތައް އުޅޭކަމަށް ތުހުމަތުކުރޭ

އެކުއްޖާއަކީ ކުރިން ރައުދާއާއެކު ވަރައްގާތްކޮށް އެކުގައި ކިޔަވައި ފިލާވަޅުތައް ދަސްކޮށް އުޅުނު ކުއްޖެއްކަމަށާ، އެހެންނަމަވެސް ފަހުން އެކުއްޖާގެ މައްޗަށް ރައުދާއަށް އިތުބާރު ނުކުރެވޭތީ، އޭނާއާއެކު ރޭގަނޑު ކިޔަވަން ނީންނަކަމަށް ބުނެފައިވާކަމަށްވެސް އޭނާގެ މަންމައާ ޙަވާލާދީ ބަންގްލަދޭޝްގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ. ރައުދާ މަރުވި ރޭ ނޫން ކުރީރޭ ރައުދާ ގޮވައިގެން ތުހުމަތުކުރެވޭ ކުއްޖާ ހޮސްޕިޓަލަށް ދިޔަކަމަށްވެސް ބައެއް ނޫސްތަކުގައިވަނީ ރިޕޯޓުކޮށްފައިވެއެވެ. މިވާހަކަތައް ރައުދާ ކިޔެވި ކޮލެޖުން ދޮގުކޮށްފައިވާއިރު، ތުހުމަތުކުރެވޭ ކުއްޖާ މިކަމަށް ވަނީ އިޢުތިރާފްވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަނެއްކޮޅުން ރައުދާ ދަންޖެހިފައި ހުރިކަމަށް ބުނެ، ކޮލެޖުގެ އިސްވެރިންނަށް އެކަން ފުރަތަމަ ރިޕޯޓްކުރީވެސް އެކުއްޖާކަމަށް ޙަބަރުތައް ބުނެއެވެ. 

ބަންގްލަދޭޝްގެ ފުލުހުން މިމައްސަލަ ތަހުޤީގުކުރުމުގައި އިހުމާލުވެފައިވާ ކަމަށް ރައުދާގެ އާއިލާ އިން ތުހުމަތުކުރާއިރު، އެ މަރާ ގުޅިގެން އުފެދޭ ޝައްކުތައް ވެސް ދަނީ އެއްދުވަހުން އަނެއްދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން ރައުދާގެ މަރާ އެކު އޭނާގެ އިންސްޓަގްރާމް އެކައުންޓް އެހެން ބަޔަކު ބޭނުންކުރި ކަމަށް ކުރެވޭ ތުހުމަތާއެކު، އެއެކައުންޓު ކުއްލިއަކަށް ގެއްލުމާއި، ރައުދާ އުޅުނު ކޮލެޖުގެ ސީސީޓީވީ ކެމަރާތަކުގެ އެވަގުތުގެ ފުޓޭޖު ގެއްލުންފަދަ ސީރިއަސް ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ.

img:http://s4.psmnews.mv/images/660x400/14913003647503.jpg|ރައުދާ އާތިފް / މަޑުމައިތިރި، އެކުވެރި ކުއްޖެއްކަމަށް ޢާއިލާއިންނާއި ރަށްޓެހިން ފާހަގަކުރޭ

މިދިޔަ ބުދަދުވަހު މަރުވެފައިވާ ރައުދާ އާތިފްގެ މަރުގެ މައްސަލައާ ގުޅިގެން އޭނާގެ ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި އެޙާދިސާއާ ގުޅޭ މަޢުލޫމާތު ހޯދުމަށް ދިވެހި ފުލުހުންގެ ޓީމެއްވެސް ބަންގްލަދޭޝްގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. މިދަތުރުގައި ރައުދާގެ މަރާ ގުޅިގެން ކަމާގުޅުންހުރި މީސްމީހުންނާ ބައްދަލުކޮށް މަޢުލޫމާތު އެއްކުރުމާއި، ބަންގްލަދޭޝްގައި މިވަގުތު ދިރިއުޅެމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކޮށް އެދަރިވަރުންގެ ޙާލުއަހުވާލު އޮޅުންފިލުވަން ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ރައުދާ އާތިފް މަރުވިއިރު އޭނާ ދިޔައީ ބަންގްލަދޭޝްގެ އިސްލާމިކް ބޭންކް މެޑިކަލް ކޮލެޖުން އެމްބީބީއެސް ހަދަމުންނެވެ.