ޚަބަރު

ރައުދާގެ ޕޯސްޓްމޯޓަމް ރިޕޯޓް ޤަބޫލުނުކުރަންވީ ކީއްވެ؟


ބަންގްލަދޭޝްގެ ރާޖްޝާހީ ސިޓީގެ އިސްލާމީ ބެންކް މެޑިކަލް ކޮލެޖުގައި ކިޔަވަމުންދިޔަ ރައުދާ އާތިފް މިދިޔަ ހަފްތާގެ ބުދަ ދުވަހު މަރުވެފައިވަނީ އަމިއްލައަށްކަމަށް ރާޖްޝާހީ މެޑިކަލް ކޮލެޖު ހޮސްޕިޓަލުން ހެދި ރައުދާގެ ޕޯސްޓްމޯޓަމްއާ ހަވާލާދީ ބަންގްލަދޭޝް ފުލުހުން ބުންޏެވެ. އަދި އޭނާ ކިޔަވަމުންދިޔަ ކޮލެޖުގެ ވެރިންވެސް ބުރަވަމުންދިޔައީ ރައުދާ އަމިއްލައަށް މަރުވީކަމަށެވެ. ނަމަވެސް އޭނާގެ ޢާއިލާއަށާއި ގާތް މީހުންނަށް އެކަން ޤަބޫލުކުރަން ދަތިވިއެވެ. އެއީ ރައުދާއަކީ އަމިއްލައަށް މަރުވުމުގެ ޚިޔާލު ގެންގުޅޭ ކުއްޖަކަށްވުރެ، ވިސްނުން ރަނގަޅު، އުފާވެރި ހަޔާތެއް އުޅެމުންދިޔަ ކުއްޖަކަށްވާތީއެވެ. އެއީ އިންޓަނޭޝަނަލް ފެޝަން މަޖައްލާއެއްގެ ބޭރުގަނޑަށް އެރި ދިވެހި ފުރަތަމަ މޮޑެލްއެވެ. ވިލު ނޫ ކުލައިގެ ރީތި ކަޅީގެ ސަބަބުން މުޅި ދުނިޔެއަށް މަޝްހޫރުވެ، އެންމެންގެ ލޯބި ވަނީ ރައުދާއަށް ލިބިފައެވެ. އެހެންކަމުން ރައުދާގެ ފަރާތުން އާދަޔާ ޚިލާފް އެއްވެސް ކަމެއް ނުފެނި، ކުއްލިއަކަށް ރައުދާ އަމިއްލައަށް މަރުވެދާނެކަމަކަށް އޭނާގެ ޢާއިލާއިން ކުޑަކޮށްވެސް ޤަބޫލުނުކުރާކަން ބަންގްލަދޭޝްގެ ނޫސްތަކަށް ރައުދާގެ ޢާއިލާއިން ދީފައިވާ އިންޓަވިއުތަކުން އެނގެއެވެ. 

img:http://s4.psmnews.mv/images/660x400/14913688842681.jpg|ރައުދާ އާތިފް / އުފާވެރި ދިރިއުޅުމެއް އުޅެމުންދިޔަ ކުއްޖެއް

އަނެއްކޮޅުން ރައުދާއަށް އަނިޔާތަކެއް ލިބިފައިވާކަން ހަށިގަނޑުން ފެންނަހުރިކަމަށް ޢާއިލާއިން ދަނީ ބުނަމުންނެވެ. އަދި ރައުދާގެ އިންސްޓަގްރާމަށް އަންނަމުންދާ ބަދަލުތަކުން ބަޔަކު ކަމެއް ފޮރުވަން އުޅޭކަންވެސް އެނގެއެވެ. މިހުރިހާ ކަމެއް މިހެން ހުއްޓާ، ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެންކަމަށް ޕޯސްޓްމޯޓަމް ރިޕޯޓްގައި އޮތުމުން އާއިލާއިން ސުވާލު އުފައްދައެވެ. އަމިއްލައަށް މަރުވިކަމަށް ރިޕޯޓުގައި އޮންނާނީ ހަޤީޤަތުގައިވެސް ރައުދާ އަމިއްލައަށް މަރުވުމުންނެވެ. ނޫނީ ރިޕޯޓް ތައްޔާރުކުރި ފަރާތުން އެކަމުގެ ހަޤީޤަތް އޮޅުވާލީއެވެ. 

ރައުދާގެ ޕޯސްޓްމޯޓަމް ހެދީ ރައުދާ ކިޔަވަމުންދިޔަ މެޑިކަލް ކޮލެޖް ހުންނަ ރާޖްޝާހީ ސިޓީގެ، ރާޖްޝާހީ މެޑިކަލް ކޮލެޖް ހޮސްޕިޓަލުންނެވެ. މިތަނަކީ އެސިޓީގައި މަރުވާ ގިނަ މީހުންގެ ޕޯސްޓްމޯޓަމް ހަދާ ތަނެވެ. 

ރާޖްޝާހީ މެޑިކަލް ކޮލެޖު ހޮސްޕިޓަލުގެ އެހެން ވާހަކައެއް!

2015 ވަނަ އަހަރުގެ މާޗްމަހުގެ 29 ވަނަ ދުވަހު ރާޖްޝާހީ ޔުނިވަރސިޓީގައި ކިޔަވަމުން ދިޔަ ބަންގްލަދޭޝްގެ ދަރިވަރެއްކަމަށްވާ ވަހީދާ ސިފަތު އޭނާގެ ފިރިމީހާގެ ގޭގައި މަރުވެފައި އޮތްވާ ފެނުނުވެ. މަރުގެ ހަޤީގަތް ހޯދުމަށް ޕޯސްޓްމޯޓަމް ހެދުމަށް ވަހީދާގެ ހަށިގަނޑު ފިރިމީހާގެ އާއިލާއިން ގެންދިޔައީ، ރައުދާގެ ޕޯސްޓްމޯޓަމްވެސް ހެދި ރާޖް ޝާހީ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށެވެ. ޕޯސްޓްމޯޓަމް ހެދުމަށްފަހު ބުނެފައިވަނީ ވަހީދާ މަރުވެފައިވަނީ އަމިއްލައަށްކަމަށެވެ. އަދި ފިރިމީހާގެ ޢާއިލާގެ މީހުން މިޚަބަރު ވަހީދާގެ ޢާއިލާއަށް ދިނެވެ.

img:http://s2.psmnews.mv/images/660x400/14913689799197.jpg|ވަހީދާ ސިފަތު / ބަންގްލަދޭޝްގެ ޔުނިވަރސިޓީއެއްގައި ކިޔަވަމުންދަނިކޮށް ގޮތް ނޭގޭ ގޮތަކަށް ވަނީ މަރުވެފައި

ވަހީދާގެ އާއިލާއަށް އެކަން ޤަބޫލުކުރެވޭގޮތެއް ނުވިއެވެ. އޭނާގެ އާއިލާއިން ތުހުމަތުކުރަމުން ދިޔައީ ވަހީދާގެ ފިރިމީހާއާއި ފިރިމީހާގެ ޢާއިލާގެ މީހުން ވަހީދާ މަރާލީކަމަށެވެ. އެއާއެކު އޭނާގެ ބޮޑުބޭބެ ފުލުހުންނަށް ރަސްމީކޮށް މައްސަލަ ހުށަހެޅިއެވެ. އޭނާ ތުހުމަތުކޮށްފައިވަނީ ވަހީދާގެ ފިރިމީހާ އާސިފްއާއި، އޭނާގެ މައިންބަފައިން، ވަހީދާއަށް އަނިޔާކޮށް މަރާލާފައިވާކަމަށެވެ. ސަބަބެއްކަމަށް ލަފާކޮށްފައިވަނީ ކައިވެނިކޮށްގެން އަންހެން މީހާގެ ފަރާތުން ފިރިހެން މީހާއަށް ދޭންޖެހޭ ފައިސާ ނުވަތަ މުދާތަކެއްގެ މައްސަލައިގައެވެ. އަދި ޕޯސްޓްމޯޓަމް ރިޕޯޓަކީވެސް ދޮގު މައުލޫމާތު ހިމެނޭ އެއްޗެއްކަމަށްބުނެ އަލުން ޕޯސްޓްމޯޓަމް ހަދަން ވަހީދާގެ ޢާއިލާއިން އެދުނެވެ.

ވަހީދާގެ ޢާއިލާގެ ފަރާތުން ހުށަހެޅި މައްސަލަ ފުލުހުން ބަލަން ފެށީ ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އަނެއްކާވެސް ވަހީދާގެ ޕޯސްޓްމޯޓަމް ހަދަން ނިންމިއެވެ. މިފަހަރު ދެ ތަނަކުން ދެ ޕޯސްޓްމޯޓަމެއް ހެދިއެވެ. އައީ އެންމެ ޖަވާބެކެވެ. ވަހީދާ އަމިއްލަށް މަރުވީ ނޫންކަމާއި، އޭނާއަށް އަނިޔާކޮށްގެން މަރާލާފައިވާކަން ފަހުން ހެދި ދެ ޕޯސްޓްމޯޓަމުންވެސް ހާމަވެގެންދިޔައެވެ. އަދި މުގުރެއް ފަދަ އެއްޗަކުން ވަހީދާގެ ބޮލަށް ޙަމަލާދީފައިވާކަންވެސް ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެގެންދިޔައެވެ.

img:http://s3.psmnews.mv/images/660x400/14913690551716.jpg|ވަހީދާ ސިފަތި / އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓްގައި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެފައިވޭ

ހަޤީހަތް ހާމަވިޔަސް ވީކަމެއް ނެތް!

ވަހީދާ މަރާލާފައިވާކަން ޕޯސްޓްމޯޓަމުން ހާމަވެގެން ދިއުމާއެކު، ވަހީދާގެ ފިރިމީހާއާއި، ފިރިމީހާގެ މައިންބަފައިން، އަދި ޕޯސްޓްމޯޓަމް ރިޕޯޓް ތައްޔާރުކުރި ރާޖްޝާހީ މެޑިކަލް ކޮލެޖް ހޮސްޕިޓަލުގެ އެސިސްޓަންޓް ޕްރޮފެސަރުގެ މައްޗަށް ފުލުހުން ދަޢުވާ ކުރިއެވެ.

ނަމަވެސް އެކަށީގެންވާ ހެކި ނެތްކަމަށް ބުނެ ކޯޓުން ނިންމީ ވަހީދާ އަމިއްލައަށް މަރުވީކަމަށެވެ. އަދި ވަހީދާ އަމިއްލައަށް މަރުވެފައިވަނީ އޭނާ ފިރިމީހާގެ ފަރާތުން ލިބުނު އިންޒާރުތަކެއްގެ ސަބަބުންކަމަށް ބުނެ ވަހީދާގެ ފިރިމީހާ ދިހަ އަހަރަށް ޖަލަށްލުމަށް ޙުކުމްކުރިއެވެ. ނަމަވެސް މައްސަލައިގައި ދެން ހިމެނޭ ފަރާތްތަކުގެ ކުށެއް ނެތްކަމަށް ކޯޓުން ނިންމިއެވެ. އޭގެ ތެރޭގައި ދޮގު މަޢުލޫމާތު ހިމަނައިގެން ޕޯސްޓްމޯޓަމް ރިޕޯޓް ތައްޔާރުކުރި ރާޖްޝާހީ މެޑިކަލް ކޮލެޖު ހޮސްޕިޓަލުގެ އެސިސްޓަންޓް ޕްރޮފެސަރުވެސް ހިމެނެއެވެ.

img:http://s3.psmnews.mv/images/660x400/14913691047672.JPG|ރައުދާގެ ޕޯސްޓްމޯޓަމް ހެދި، ރާޖްޝާހީ މެޑިކަލް ކޮލެޖް ހޮސްޕިޓަލް / މިތަނުން މީގެ ކުރިން ވަނީ ޕޯސްޓްމޯޓަމް ރިޕޯޓެއް އޮޅުވާލާފައި

ބަންގްލަދޭޝްގައި ހިނގި މިފަދަ އެހެން މައްސަލައަކަށް ބަލާއިރު، ދެހާސް އެގާރަވަނަ އަހަރު ހިނގި ހަދިސާއެއްގައި އަންހެނަކު މަރާލައިގެން ހެދި ޕޯސްޓްމޯޓަމެއްގައި އޭނާއަށް އަނިޔާ ލިބިފައިވާނުވާކަމަށް ޕޯސްޓްމޯޓަމް ރިޕޯޓްގައި ބުނެފައިވާއިރު، އެއީވެސް އޮޅުވާލުމެއްކަން ފަހުން ހާމަވިއެވެ. ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ހެދި ޕޯސްޓްމޯޓަމުން އަންހެން މީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ހާމަވެފައިވާއިރު، ޝަރިއަތުޕޫރު ޖެނަރަލް ހޮސްޕިޓަލުން ހެދި ރިޕޯޓްގައި އަނިޔާއެއް ލިބިފައިވާކަމަށް ބުނެފައެއް ނެތެވެ.

img:http://s4.psmnews.mv/images/660x400/14913689307641.jpg|ރައުދާ އާތިފް / އޭނާގެ ޕޯސްޓްމޯޓަމް ހެދި ހޮސްޕިޓަލާއި މެދު ވަނީ ސުވާލު އުފެދިފައި

އެހެންކަމުން ރައުދާ އާތިފްގެ މަރުގެ މައްސަލައިގައި ރާޖްޝާހީ މެޑިކަލް ކޮލެޖު ހޮސްޕިޓަލުން ހަދާފައިވާ ޕޯސްޓްމޯޓަމް ޤަބޫލުނުކުރެވޭނޭކަމަށް ރައުދާގެ ޢާއިލާއިން ބުނާ ބުނުން ޤަބޫލުކުރަންޖެހޭ ސަބަބުތައް އެބަހުއްޓެވެ. މިއީ ބަންގްލަދޭޝްގައި ހެދި ޕޯސްޓްޕޯޓަމެއްގެ ނަތީޖާ ޤަބޫލުނުކޮށްގެން އުޅޭ ފުރަތަމަ ފަހަރެއް ނޫނެވެ. މިއީ އެޤައުމުގައި ވަރަށް ޢާއްމުކަމެކެވެ. އަދި ދެވަނަ ފަހަރަށް ޕޯސްޓްމޯޓަމް ހެދުމުން، ނުވަތަ މިނިވަން ތަހްޤީގެއް ކުރުމުން، ކުރިން ހަދާފައިވާ ޕޯސްޓްމޯޓަމްތަކުގައި އޮޅުވާލާފައި ހުންނަކަން މިހިރީ ހާމަވާށެވެ. އެހެންކަމުން ރައުދާ އާތިފްގެ މަރުގެ މައްސަލައިގައިވެސް ފެންނަ ހުރި ކަންކަމާއި، ތުހުމަތުކުރެވޭ މީހުންނާއި ސުވާލުކޮށް، އަދި ދެވަނަ ފަހަރަށް ޕޯސްޓްމޯޓަމެއް ހަދައިގެން ނަމަވެސް ރައުދާގެ މަރުގެ ހަޤީޤަތް ހޯދުމަކީ ކޮންމެހެންވެސް މުހިއްމުކަމެކެވެ.