ކުޅިވަރު

ފަހު ވަގުތު މާޒިޔާގެ މައްޗަށް ބެންގަލޫރު އެފްސީ ކުރިހޯދައިފި


މެޗުގެ އެންމެ ފަހު ވަގުތު މާޒިޔާގެ މައްޗަށް ބެންގަލޫރު އެފްސީ ކުރިހޯދައިފިއެވެ.

އޭއެފްސީ ކަޕްގައި މިއަދު މާޒިޔާއާއި ބެންގަލޫރު އެފްސީ ވާދަކުރިމެޗް ބެންގަލޫރު އެފްސީ ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ. މެޗުގެ ހަމައެކަނި ލަނޑު 90 މިނެޓްގެ ކުޅުން ހަމަވެ ދެއްކި އިތުރު ވަގުތުގެ ތިންވަނަ މިނެޓްގައި ބެންގަލޫރު އެފްސީއަށް ކާމިޔާބުކޮށްދިނީ ޖޯން ޖޯންސަންއެވެ. ހަމަހަމަ ކުޅުމެއް ދެޓީމްގެ ފަރާތުން ފެނުނު މިމެޗުގެ ދެވަނަ ހާފްގައި މާޒިޔާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ބެންގަލޫރު އެފްސީގެ އޭރިއާގެ ތެރެއިން ހުސްކޮށް އުމޭރު ފޮނުވާލަން މަސައްތަކުރި ބޯޅަ ބެންގަލޫރު ކުޅުންތެރިންވަނީ ދިފާޢުކޮށްފައެވެ. 

މެޗަށްފަހު މާޒިޔާގެ ކޯޗްބުނީ މެޗްގެ އެންމެ ފަހުވަގުތު ކުޅުންތެރިން ސަމާލްކަން ނުދިނުމުގެ އިތުރަށް އޭރިޔާތެރެއިން މިސްޓޭކްވެސް ހެދީކަމަށެވެ. އެހެންނަމަވެސް މުޅި މެޗްގައި ޓީމްގެ ކުޅުންތެރިން ދެއްކި ހިތްވަރަށް މާޒިޔާގެ ކޯޗް ސެކޮލޮސްކީވަނީ ތަޢުރީފް ކޮށްފައެވެ.

"ބެންގަލޫރު އެފްސީއަކީ މާޒިޔާއާ އަޅާބަލާއިރު ހުރިހާގޮތަކުންވެސް ދިހަގުނަ ވަރުގަދަ ޓީމެއް. އެޓީމްކައިރީ މިހާވަރަށް ހިފަހައްޓާލުމަކީ ފަސޭހަކަމަކަމެއް ނޫން" ސެކްލޯސްކީ ބުންޏެވެ.

ބެންގަލޫރު އެފްސީގެ އެސިސްޓެންޓް ކޯޗް ބުނީ މިމެޗަކީ ފަސޭހަ މެޗަކަށް ނުވާނެކަން މެޗަށް ނިކުތްއިރުވެސް އެނގޭ ކަމަށެވެ، މެޗުން މޮޅުވީ އެންމެ ފަހުވަގުތާ ހަމަޔަށްވެސް ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށާއި، މާޒިޔާ އަތުން ލިބިގެން މިދިޔައީ ވަރަށް މުހިންމު ތިން ޕޮއިންޓްކަމަށް ބެންގަލޫރު އެފްސީގެ އެސިސްޓެންޓް ކޯޗްބުންޏެވެ.

މިނަތީޖާއަށްފަހު މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް އޮތް އަމިއްލަ ބާރު މާޒިޔާއަށް ގާތްގަނޑަކަށްވަނީ ގެއްލިފައެވެ. ބެންގަލޫރު އެފްސީ ވަނީ އެޓީމް ކުޅުނު ފުރަތަމަ މެޗްވެސް ކާމިޔަބުކޮށްފައެވެ.