ޚަބަރު

ގާސިމް އިބްރާހިމް ހައްޔަރުކޮށްފި!


ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހައްޔަރުކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ އޭނާގެ ގޭގައި ހުންނަވަނިކޮށެވެ. މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ ގާސިމް އިބްރާހިމް ހައްޔަރުކުރީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ހަތަރު މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފާނެތީކަމަށެވެ. 

ފުލުހުން އޭނާގެ މައްޗަށް ކުރައްވާ ތުހުމަތުތަކުގެ ތެރޭގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓުގައި ރިޝްވަތުދިނުމުގެ އަމަލެއް ހިންގުމުގެ ތުހުމަތާއި، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ނަގަން އުޅޭ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރުން ހިމެނެއެވެ. މީގެއިތުރުން ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާ ޚިލާފަށް ބަދަލުކުރުމަށް މަސައްކަތްކުރުމާއި ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތްކުރުމުގެ ތުހުމަތުވެސް ގާސިމްގެ މައްޗަށް ކުރެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމް އިބްރާހިމް ހައްޔަރުކުރުމަށްފަހު ގެންގޮސްފައިވަނީ ދޫނިދޫއަށެވެ.