ޚަބަރު

300 މިލިއަނަށްވުރެ ގިނަ މީހުން ޑިޕްރެޝަން ތަޙައްމަލުކުރޭ !


ޑިޕްރެޝަނަކީ ކޮބައިކަން ބުނެދޭނަމަ އެންމެ ފަޞޭހައިން ބުނެވޭނީ މީހަކު މާބޮޑަށް އަބަދު ދެރަވެފައި ހުރުމެވެ. ނާއުއްމީދުވެފައި އަބަދުވެސް ހުރުމެވެ. ތިމާއަކީ މުހިއްމު މީހެއްނޫންކަމުގެ އިހްސާސްތައް އަބަދުވެސް ކުރެވުމެވެ. ބިރެއްގެ ތެރޭގައި ހުންނަކަމުގެ އިހްސާސްތައް ކުރެވުމެވެ. ހަމަޖެހިލައިގެން ދިރިއުޅުމެއް ނޫޅެވުމެވެ. މިއީ ހައްތަހާވެސް ޑިޕްރެޝަން ތަހައްމަލު ކުރަމުންދާ މީހަކަށް އިހްސާސް ކުރެވޭނެ ކަންކަމެވެ.

ޑިޕްރެޝަން ތަހައްމަލު ކުރަމުންދާ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވިފައި ނުވާކަމީ ޑިޕްރެޝަން ތަހައްމަލުކުރަމުންދާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބެއްކަމަށް ޑަބްލިޔުއެޗްއޯއިން ލަފާކުރެއެވެ. ޑަބްލިޔުއެޗްއޯގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގައި މިވަގުތު ޑިޕްރެޝަން ތަހައްމަލުކުރަމުންދާ ތިން ސަތޭކަ މިލިއަނަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

img:http://s1.psmnews.mv/images/660x400/14915448045443.jpg|

ފަހުގެ ހޯދުންތަކުން ހާމަވެފައިވާ ގޮތުގައި ޑިޕްރެޝަނަކީ އެހެން ބައެއް ބޮޑެތި ބަލިތައް ޖެހުމަށް މަގުފަހިވާ މައިގަނޑު އެއް ސަބަބެވެ. މީގެ ތެރޭގައި ހިތުގެ ބަލިތަކާއި ޑައިބެޓީސް ހިމެނެއެވެ. މީގެ އިތުރުން ކޮންމެ އަހަރަކު ދުނިޔޭގައި އަމިއްލައަށް މަރުވާ އެތަކެއް ސަތޭކަ ހާސް މީހުން މަރުވުމުގެ މައިގަނޑު ސަބަބެއްކަމަށް ވެފައި އޮންނަނީވެސް ޑިޕްރެޝަންކަން ތަފާސް ހިސާބުތަކުން ދައްކައެވެ.

ޑަބްލިޔުއެޗްއޯއިން ފާހަގަކުރާ ގޮތުގައި ދުނިޔޭ ގިނަ ޤައުމުތަކުގައި ޑިޕްރެޝަން ނުވަތަ ސިކުނޑީގެ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނަށް ބޭނުންވާ އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށެއްނުދެވެއެވެ. އެންމެ މުއްސަނދި ގައުމުތަކުގައިވެސް ޑިޕްރެޝަން ތަހައްމަލުކުރަމުންދާ މީހުންގެ ފަންސާސް އިންސައްތައަށްވެސް އެކަށީގެންވާ ފަރުވާއެއް ނުލިބެއެވެ. ގައުމުތަކުގެ ސިއްޙީ ބަޖެޓުން މިފަދަ ބަލިތަކަށް ހޭދަކުރަނީ ތިނެއް އިންސައްތައެވެ.

img:http://s3.psmnews.mv/images/660x400/14915453355140.jpg|

ޑަބްލިޔުއެޗްއޯއިން ލަފާކުރާގޮތުން މިފަދަ ބަލިތަކަށް ކަނޑައަޅާ ބަޖެޓް އިތުރުކުރެވިއްޖެނަމަ، އޭގެ ނަތީޖާ އިޤްތިޞާދީ ގޮތުންވެސް ފެންނާނެއެވެ. އެހެން ނޫންނަމަ ދުނިޔޭގެ އިޤްތިޞާދަށް އެތަކެއް ޓްރިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާންޖެހޭނެ ކަމަށް ޑަބްލިޔުއެޗްއޯއިން ހެދި ދިރާސާއަކުން ދައްކައެވެ. އެއީ ޑިޕްރެޝަނުގެ ސަބަބުން މަސައްކަތް ނުކުރެވުމުން އާއިލާތަކަށް ދިމާވާ މާލީ ދަތިތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް މަސައްކަތް ނުކުރެވުމުން ކުންފުނިތަކަށް ކުރިމަތިވާނެ ގެއްލުމާއި އަދި ސިއްހީ ފަރުވާއަށް ސަރުކާރުތަކުން ކުރަންޖެހޭ ހޭދަ އިތުރުވުމުން ކުރިމަތިވާނޭ މާލީ ގެއްލުންތަކެއްކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

ޑިޕްރެޝަނަށް ފަރުވާކުރުމަށް މާމޮޅެތި ޑޮކްޓަރުން ބޭނުންނުވާއިރު، މިކަމަށް ޚާއްސަ ކުޑަ ތަމްރީންތަކަކުން އެކަމަށް ފަރުވާ ދެވޭ ފެންވަރަށް މީހުން ތަމްރީންކުރުމުގެ ޕްރޮގްރާމްތައް ޑަބްލިޔުއެޗްއޯއިން ދަނީ ހިންގަމުންނެވެ. ނުވަދިހައަށް ވުރެ ގިނަ ޤައުމަކުން މިހާރު މިޕްރޮގްރާމްގައި ހިންގައި، އެޤައުމުތަކުގައި މިކަން ކުރިއަށްގެންދާކަމަށް ޑަބްލިޔުއެޗްއޯއިން ފާހަގަކުރެއެވެ.

img:http://s3.psmnews.mv/images/660x400/14915450836690.jpg|

ސިއްޙަތާއި ބެހޭ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި ޑިޕްރެޝަނަކީ ކޮބައިކަމާއި، އެކަމަށް ފަރުވާދޭނެ ގޮތް ދެނަގަތުމަކީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަންކަންކަމެވެ. ނަމަވެސް އެއާއެކު ދެމެހެއްޓެނިވި ގޮތެއްގައި މެންޓަލް ހެލްތް ސަރވިސްއެއް، ނުވަތަ މިފަދަ ކަންކަމަށް ޚާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމް އެންމެ އާދައިގެ، ފަގީރު އަދި އެކަހެރި ހިސާބުތަކުގައިވެސް ހަމަޖެއްސުމަކީ މުސްތަޤްބަލަށްޓަކައި އެޅޭނެ ފިޔަވަޅެއްކަމުގައި ތަޖުރިބާކާރުން ދެކެވަޑައިގަންނަވައެވެ.

ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނަރަލް ޑރ މާގްރެޓް ޗެން ވިދާޅުވީ، ދިރާސާތަކުން ހާމަވެގެން ދިޔަ ކަންކަމާއެކު ޤައުމުތަކުން ޑިޕްރެޝަން ފަދަ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅުން ހުރި ކަންކަމުގައި އަމަލުކުރަމުންދާ ގޮތް ބަދަލުކޮށް، އެކަމަށް ދޭންޖެހޭ ސަމާލުކަން މިހާރަށްވުރެ ބޮޑަށް ދީގެން މަސައްކަތްކުރަން އަވަސްކުރަންޖެހޭކަމަށެވެ.

img:http://s3.psmnews.mv/images/660x400/14915450497269.jpg|

ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްޙަތު ދުވަހުގެ ޝިއާރެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވަނީ، ޑިޕްރެޝަން: ވާހަކަ ދައްކަމާ ހިނގާ. މިޝިޔާރުގެ ދަށުން ޚާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ ޑިޕްރެޝަން ތަހައްމަލުކުރަމުންދާ ވީހާވެސް ގިނަ ބަޔަކަށް އެކަމާބެހޭ މަޢުލޫމާތު ފޯރުކޮށްދީ، އެކަމުގެ ފަރުވާ ފޯރުކޮށްދިނުމެވެ.