ޚަބަރު

ގާސިމްގެ ބަންދަށް 6 ދުވަސް !


ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މ.މާފަންނުވިލާ ޤާސިމް އިބްރާހީމްގެ ތަޙްޤީޤަށް, 6 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވައިފިއެވެ. 

ރޭ 7:45 ހާއިރު، ޤާސިމްހައްޔަރުކުރުމަށްފަހު، އޭނާ ބަންދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އޭނާކޯޓަށް ހާޒިރުކުރީ މިއަދު  ހަވީރު 4:00 ގައެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ގޭގައި ހުންނަވަނިކޮށް ރޭ އިރާކޮޅުއެވެ.

ޤާސިމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުއްވި އަމުރުގައި ހަތަރު ކަމެއް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުޙަންމަދުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ޢަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތާއި، ރައްޔިތުން މަޖިލީހުގެ ނައިބް ރައީސްގެ މައްޗަށް ނަގަން އުޅޭ އިތުބާރުނެތްކަމުގެ ވޯޓަށް ނުފޫޒް ފޯރުވުމަށް މަސައްކަތްކުރާކަމުގެ ތުހުމަތު ފުލުހުން ގާސިމްގެ މައްޗަށް ކުރައްވައެވެ. 

މީގެއިތުރުން ދައުލަތުގެ ސަލާމަތީ ބާރުތަކަށް ނުފޫޒު ފޯރުވުމަށް ޤާސިމް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި ރާއްޖޭގައި ޤަނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާ ޚިލާފަށް ބަދަލުކުރުމަށް ހިތްވަރު ލިބޭ ފަދަ އަމަލުތަކެއް ޤާސިމް ކުރައްވާކަމަށްވެސް ތުހުމަތުކުރެވޭކަމަށް ކޯޓް އަމުރުގައިވެއެވެ.

މީގެ އިތުރުން މި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ، ޤާސިމް އިބްރާހީމް މުޖުމަޢުގެ ތެރެއަށް ދޫކޮށްފައި ބެހެއްޓުމަކީ ގާސިމްގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވެދާނެކަމެއް ކަމަށް ތަހުގީގަށް ފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ބަޔާންކުރައްވާފައިވެއެވެ.

ޤާސިމް ހައްޔަރުކުރުމާ ގުޅޭގޮތުން ފުލުހުން ރޭ ނެރުއްވި ބަޔާނުގައިވެސް ޤާސިމް މައްޗަށް ތުހުމަތުކުރެވޭ ހަތަރު މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފާނެކަމަށް ތުހުމަތުކޮށްފައިވެއެވެ. 

ޤާސިމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާ ގުޅިގެން މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ ފުލުސް އޮފީހަށް ހާޒިރުކުރައްވާފައިވެއެވެ.