ރާއްޖެއާއި އިންޑިއާއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މިކަމާބެހޭގޮތުން މަޝްވަރާ ކުރައްވާފައިވަނީ، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވި އިންޑިޔާގެ ފޮރިން ސެކްރެޓްރީ ޑޮކްޓަރ ޖައި ޝަންކަރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި، ރާއްޖެއާ އިންޑިޔާއާ ދެމެދު އޮތް ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކާބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިންޑިޔާއާ ރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުމުގެ ތެރެއިން އިޤްތިޞާދީ އަދި ތަރައްޤީއާ ގުޅުންހުރި އެކި ދާއިރާތަކުން ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ފޮރިން ސެކްރެޓްރީގެ މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އިންޑިޔާގެ ފޮރިން ސެކްރެޓްރީ ޑޮކްޓަރ ޖައި ޝަންކަރު ދެއްކެވި ވާހަކަފުޅުގައި އިންޑިޔާގެ ރައީސާއި ބޮޑުވަޒީރުގެ ހެޔޮއެދުންތައް ރައްދުކޮށްދެއްވިއެވެ. އަދި އިންޑިޔާއިން ރާއްޖެއަށް ދެމުންދާ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަން އިންޑިޔާ ސަރުކާރުން ދެއްވާކަމަށްވެސް ފޮރިން ސެކްރެޓްރީ ވިދާޅުވެފައިވެއެވެ. އަދި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.
އިންޑިޔާގެ ފޮރިން ސެކްރެޓްރީ ޑޮކްޓަރ ޖައި ޝަންކަރުގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރ ޑރ.އަޙްމަދު އާސިމް އާވެސް މިއަދު ބައްދަލުކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައިވެސް ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހި ކުރެވިދާނެ ގޮތްތަކާބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.
އިންޑިޔާގެ ފޮރިން ސެކްރެޓްރީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނުވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ރާއްޖެއިން ފުރާވަޑައިގެންފައެވެ.