ދުނިޔެ

އުތުރު ކޮރެޔާއިން ޓެސްޓުކުރި މިސައިލެއް ގޮވައިފި


އުތުރު ކޮރެޔާއިން ޓެސްޓުކުރި މިސައިލެއް، އުދުއްސާލިތަނާ ގޮވައިފިއެވެ. 

އެމެރިކާއާއި ދެކުނު ކޮރެޔާގެ އޮފިޝަލުންނާ ހަވާލާދީ ޚަބަރުތައް ބުނާގޮތުން، މިސައިލް އުދުއްސާލިތާ ފަސް ވަރަކަށް ސިކުންތުގެ ތެރޭގައި މިސައިލް ވަނީ ގޮވާފައެވެ. އުތުރު ކޮރެޔާގެ އިރު ދެކުނުން އޮންނަ ސިންޕޯ ނަމަކަށް ކިޔާ ސަރަޙައްދަކުން ޓެސްޓުކޮށްފައިވަނީ ބެލެސްޓިކް މިސައިލެއްކަމަށް ޙަބަރުތައް ބުނެއެވެ. މިމަހު ކުރީކޮޅު ހަމަ މިސަރަޙައްދުގައި ވަނީ ބެލެސްޓިކް މިސައިލެއް ޓެސްޓްކޮށްފައެވެ. ކާމިޔާބުކަމާއެކު އެފަހަރު މިސައިލް ޓެސްޓްކޮށްފައިވާއިރު، އެމިސައިލް ވެއްޓުނީ ޖަޕާނު ކަނޑަށެވެ. އުތުރު ކޮރެޔާއިން މިއަދު ކުރި މިސައިލް ޓެސްޓް ނާކާމިޔާބުވެފައި މިވަނީ، އެޤައުމުން ތަރައްޤީކޮށްފައިވާ އެންމެފަހުގެ މިސައިލްތައް ޢާއްމުކޮށް ދައްކާލިތާ އެއްދުވަސް ފަހުންނެވެ. އަނެއްކޮޅުން އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް، އުތުރު ކޮރެޔާއާ އިންވެގެން އޮންނަ ދެކުނު ކޮރެޔާއަށް ވަޑައިގެންނެވިތަނާއެވެ. 

img:http://s2.psmnews.mv/images/660x400/14923473105321.jpg|އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން / އެޤައުމުން ދަނީ ނިއުކްލިއަރ ޕްރޮގްރާމް ވަރުގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން

އެމެރިކާގެ ނައިބު ރައީސް ދެކުނު ކޮރެޔާގައި ހުންނަވަނިކޮށް، އުތުރު ކޮރެޔާއިން މިސައިލެއް ޓެސްޓްކުރުމުން، އެމެރިކާގެ ދިފާޢީ ވުޒާރާއިން ދަނީ ކޮރެޔާގެ ޙާލަތު ރަނގަޅަށް ދިރާސާކުރަމުންކަމަށް އެޤައުމުގެ އޮފިޝަލުން ބުނެއެވެ. 

އުތުރު ކޮރެޔާއިން މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ބުނެފައިނުވާއިރު، ދެކުނު ކޮރެޔާއިން ވަނީ މިސައިލް ޓެސްޓް ކުށްވެރިކޮށްފައެވެ. އަދި ނުރައްކާތެރި މިސައިލް ޓެސްޓެއްކޮށްފިނަމަ، އެކަމުގެ ޙައްޤު އަދަބު އުތުރު ކޮރެޔާއަށް ދޭނެކަމަށް ދެކުނު ކޮރެޔާގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ވިދާޅުވިއެވެ.

ކޮރެޔަން ޕެނިންސިއުލާގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވެފައިވާއިރު، އެމެރިކާއިން ވަނީ އެޤައުމުގެ އަސްކަރީ މަނަވަރުތަކެއް އެސަރަޙައްދަށް ފޮނުވާފައެވެ. ނިއުކްލިއަރ ޤާބިލްކަން ލިބިފައިވާ ޔޫ.އެސް.އެސް. ކާލް ވިންސަންއާއެކު އަސްކަރީ އިތުރު މަނަވަރަތަކެއް އެސަރަޙައްދަށް ދަނީ ދަތުރުކުރަމުންނެވެ. ނަމަވެސް އެސަރަޙައްދުގެ ބޮޑު ބާރު ޗައިނާ އިން ވަނީ ކޮރެޔާގެ މައްސަލަ ސުލްޙަވެރި ގޮތުގައި ޙައްލުކުރުމަށް ގޮވާލާފައެވެ. 

img:http://s1.psmnews.mv/images/660x400/14923474472371.jpg|ކޮރެޔާ ސަރަޙައްދަށް ފޮނުވި ޔޫ.އެސް.އެސް ކާލް ވިންސަން / މައްސަލަ ސުލްޙަވެރިކޮށް ޙައްލުކުރުމަށް ޗައިނާއިން ވަނީ ގޮވާލާފައި

އދ އިން ވަނީ އެއްވެސް ބާވަތެއްގެ މިސައިލެއް ޓެސްޓްކުރުން އުތުރުކޮރެޔާއަށް މަނާކޮށްފައެވެ. ނަމަވެސް އުތުރު ކޮރެޔާއިން ދަނީ އދ އާއި އެހެނިހެން ޤައުމުތަކުގެ އިންޒާރުތަކަށް ބެލުމެއް ނެތި ތަފާތު އެކި ވައްތަރުގެ މިސައިލްތައް ޓެސްޓުކުރަމުންނެވެ. ޙަބަރުތައް ބުނާގޮތުން އެޤައުމުން މިހާރު އެންމެ ބޮޑަށް ތައްޔާރުވަމުންދަނީ ނިއުކްލިއަރ މިސައިލެއް ޓެސްޓެއްކުރުމަށެވެ. އަދި އެމިސައިލަކީ ކޮރެޔާއިން ސީދާ އެމެރިކާއަށް ޙަމަލާދެވަރުގެ ޤާބިލުކަން ހުންނަ މިސައިލަކަށް ހެދުމަށް އުތުރު ކޮރެޔާއިން ދަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންކަމަށް ޙަބަރުތައް ބުނެއެވެ.