މިއަހަރުގެ ފުރަތަމަ ކުއާޓަރގައި 200 މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ފޮރިން އިންވެސްޓްމަންޓްތައް ރަޖިސްޓްރީ ކުރުމަށް ހުއްދަ ދެއްވާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރަޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި 10 ކުންފުންޏެއް ރަޖިސްޓްރީކޮށްފައިވާކަމަށެވެ. އަދި މި ކުންފުނިތަކުން ކުރިއަށްއޮތް 5 އަހަރުދުވަހުގެ ތެރޭގައި ރާއްޖޭގައި ކުރުމަށް ކަނޑައަޅާފައިވާ އިންވެސްޓްމަންޓްގެ ޖުމްލަ އަދަދު 200 މިލިއަން ޑޮލަރާ ގާތްކުރާކަމަށެވެ.
ވިސާމް ވިދާޅުވީ، ރާއްޖޭގައި ވިޔަފާރިކުރުމަށް މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށެވެ. މީގެ އިތުރުން އާއްމުވިޔަފާރިކުރުމަށްވެސް ހުށަހަޅާފައިވާކަމަށް ވިސާމް ވިދާޅުވިއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ދުއިއްސައްތަ މިލިއަން ޑޮލަރާއި ގާތްކުރާ އަދަދަކަށް ފޮރިން އިންވެސްޓްމަންޓްތައް ރަޖިސްޓްރީކުރުމަށް އިކޮނޮމިކް މިނިސްޓްރީން ހުއްދަދެއްވާފައިވާއިރު، މި ފަހަކަށް އައިސް ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މީގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ އިންވެސްޓްމަންޓްތަކުގެ އިތުރުން ރިއަލްސްޓޭޓް އިންވެސްޓްމަންޓްތައް ހިމެނެއެވެ.
އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއްވާގޮތުގައި މިދިޔަ އަހަރު އެކަނިވެސް ގާތްގަނޑަކަށް 1.6 ބިލިއަން ޑޮލަރުގެ ފޮރިން އިންވެސްޓްމަންޓް ކުރުމަށް ހުއްދަދޫކުރެވިފައިވެއެވެ. ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓްތައް އިތުރުކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ބޭރުގެ އިންވެސްޓަރުންނަށް އަމާޒްކުރައްވައިގެން ރާއްޖެއިން ބޭރުގައި ބާއްވަމުންދާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް ފާހަގަކޮށްލެވެއެވެ. އަދި ރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓަމަންޓްތަކަށް ބޭނުންވާ ޤާނޫނީ ރައްކާތެރިކަން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނީ ނިޒާމުގެ ތެރެއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.