ދުނިޔެ

ޗައިނާގެ އިޤްތިޞާދަށް 6.9 އިންސައްތައިގެ ކުރިއެރުމެއް!


މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާގެ އިޤްތިޞާދު އަންދާޒާކުރި މިންވަރަށްވުރެ ބޮޑަށް ކުރިއަރާފައިވާކަމަށް އެޤައުމުގެ ރަސްމީ އިދާރާތަކުން ބުނެފިއެވެ. 

ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެސްޓިކްސް އިން ޢާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އެޤައުމުގެ އިޤްތިޞާދު ވަނީ 6.9 އިންސައްތަ ކުރިއަރާފައެވެ. މިއީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދު ފުރަތަމަ ކުއާޓަރުގައި ކުރިއަރާނެކަމަށް ލަފާކުރި އަދަދަށްވުރެ އިތުރު އަދަދެކެވެ. 

ޗައިނާއިން ލަފާކޮށްގެން ތިބީ އެޤައުމުގެ އިޤްތިޞާދު ފުރަތަމަ ކުއާޓަރުގައި 6.7 އިންސައްތަ ކުރިއަރާނެކަމަށެވެ. ނަމަވެސް އެއަދަދު މިދިޔަ މަހު ވަނީ 6.5 އިންސައްތައަށް ކުޑަކޮށްފައެވެ. ނަމަވެސް 6.9 އިންސައްތައިގެ ކުރިއެރުމެއް ޗައިނާގެ އިޤްތިޞާދަށް ލިބިގެންދިޔައީ، ސަރުކާރުން އިންފްރާސްޓްރަކްޗަރއަށް އަށް ކުރައްވާ ޚަރަދުތައް އިތުރުކޮށް، ރިއަލް އެސްޓޭޓަށް އޮތް ޑިމާންޑް ބޮޑުވުމުންކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. 

img:http://s3.psmnews.mv/images/660x400/14924510119190.jpg|ޗައިނާގެ އިޤްތިޞާދު ކުރިއެރުމުގައި އިންފްރާސްޓްރަކްޗަރއަށް ކުރާ ހޭދަ އިތުރުވުން ހިމެނޭ

އަނެއްކޮޅުން އިޤްތިޞާދީ ކުރިއެރުމުގައި ޗައިނާއިން އަދިވެސް ބަރޯސާވަނީ ކުރީގެ ގޮތްތަކަށް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. މިގޮތުން އިންފްރާސްޓްރަކްޗަރއަށް އަށް ކުރައްވާ ޚަރަދުތައް އިތުރުކޮށް، ރިއަލް އެސްޓޭޓަށް އޮތް ޑިމާންޑް ބޮޑުކޮށް، ދަރަނި ނެގުމުގެ ސިޔާސަތުތައް ދޫކޮށްލާނެކަމަށް ޗައިނާއިން ކުރިން ބުނިނަމަވެސް، މިކަންކަމުން އެޤައުމުގެ އިޤްތިޞާދަށް ފައިދާވަމުންދާކަން ތަފާސް ހިސާބުތަކުން އެނގޭކަމަށް ތަޖުރިބަކާރުން ވިދާޅުވެއެވެ. ނަމަވެސް ޤައުމުގެ ދަރަންޏާއި މެދު ގެންގުޅޭނެ ސިޔާސަތެއް ނެގޭއިރު، އެކަމަށް ފިޔަވަޅުތަކެއް އަޅާނެކަމަށް އެޤައުމުން ވަނީ ހާމަކޮށްފައެވެ. 

ޗައިނާއަކީ ދުނިޔޭގެ އިޤްތިޞާދުގައިވެސް މުހިއްމު ރޯލެއް އަދާކުރަމުންދާ ޤައުމެކެވެ. ޗައިނާގެ ވިޔަފާރި ހަރަކާތްތައް އިންވެސްޓަރުން އަބަދުވެސް ދަނީ ގާތުން ބަލަމުންނެވެ. މިދިޔަ އަހަރަކީ ޗައިނާގެ އިޤްތިޞާދު ވޭތުވެދިޔަ 26 އަހަރުގެ ތެރޭގައި ކުރިއެރި މިންވަރު އެންމެ ދަށަށް ދިޔަ އަހަރެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އަންދާޒާކުރި މިންވަރަށް ވުރެ ބޮޑު ކުރިއެރުމެއް ލިބުމުން ޗައިނާއިން އެކަން ފާހަގަކުރެއެވެ.