ތަރައްްޤީ

ލިސްބަންގެ ސުޕަރމާކެޓެއް ކައިރިއަށް މަތިންދާބޯޓެއް ވެއްޓިއްޖެ!


ހަތަރު މީހުންނާއެކު ދަތުރުކުރި ކުޑަ މަތިންދާބޯޓެއް ޕޯޗުގަލްގެ ލިސްބަންއަށް ވެއްޓި، ބޯޓުގައި ތިބި އެންމެން މަރުވެއްޖެއެވެ.

މިބޯޓު ވެއްޓުނީ ލިސްބަންގެ މީހުންގެ ދިރިއުޅޭ ސަރަޙައްދެއްގައި ހުރި ސުޕަރމާކެޓެއް ކައިރިއަށެވެ. ބޯޓުގައި އެވަގުތު ތިބީ ފްރާންސްގެ ތިން މީހުންނާއި ބޯޓު ދުއްވަން އިން ސުވިޓްޒަލެންޑުގެ ޕައިލެޓްކަމަށާއި، އެމީހުންގެ އިތުރުން މަގުމަތީގައި ހުރި ޓްރަކް ޑްރައިވަރެއްވެސް މިހާދިސާގައި މަރުވެފައިވާކަމަށް އޮފިޝަލުންނާއި ޙަވާލާދީ ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން ބޯޓު ވެއްޓުނު ސަރަޙައްދުން އިތުރު 4 މީހަކަށް އަނިޔާވެފައިވާކަމަށްވެސް ޚަބަރުތައް ބުނެއެވެ. 

img:http://s3.psmnews.mv/images/660x400/14924524520238.jpg|ބޯޓު ވެއްޓުނު ސަރަޙައްދުން ދުން އަރަނީ

އަނިޔާވި މީހުންނަކީ ސުޕަރމާކެޓުގައި ވިޔަފާރިކުރަމުންދިޔަ ބައެއްކަމަށާއި، މަރުވި ޓްރަކް ޑްރައިވަރު އެވަގުތު ދިޔައީ ޓްރަކުން މުދާ ބޭލުމުގައި ހަރަކާތްތެރިވަމުންކަމަށް އޮފިޝަލުންނާއި ހަވާލާދީ ޚަބަރުތައް ބުނެއެވެ. 

ބޯޓު ވެއްޓެން ދިމާވި ސަބަބެއް ނޭނގޭއިރު، ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުން، ޕައިޕަރ ޕީއޭ 31 ނަވާޖޯ މަރުކާގެ މިބޯޓު ވެއްޓިފައިވަނީ ޕޯޗުގަލްގެ ޓަޔާސް އެއިރޮޑޯމުން ބޯޓު ނައްޓާލިތާ މާގިނައިރުތަކެއް ނުވަނީހެވެ. 

ޙަބަރުތައް ބުނާގޮތުން މިބޯޓު ދަތުރުކުރަމުންދިޔައީ ފްރާންސްގެ މާސޭއަށެވެ. އޮފިޝަލުން ހާދިސާ ހިންގަން މެދުވެރިވި ސަބަބު ތަހުޤީޤްކުރަމުންދާއިރު، ވައިގެ ތެރެއިން ބޯޓުގައި އަލިިފާން ހިފިކަމަށް ބައެއް ޚަބަރުތައް ބުނެއެވެ.