ޚަބަރު

ވޯޓާސް ލިސްޓަށް ޕާޓީތަކުން ޝަކުވާއެއް ނާދޭ- އިލެކްޝަންސް


އަންނަ މަހުގެ ހަ ވަނަދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ލިސްޓާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ސިޔާސީ ޕާޓީއަކުން ޝަކުވާއެއް ހުށައަޅާފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހެން ވީދާޅުވީ ވޯޓާސް ލިސްޓުގައި ބައެއް މައްސަލަތައް ހުރިކަމަށް ބުނެ އިދިކޮޅު ފަރާތަކުން ލިސްޓްތަކުގައި ސޮއިކުރުމަށް ދެކޮޅު ހަދާފައިވަނިކޮށެވެ. ވޯޓާސް ލިސްޓުތަކުގެ ތެރޭގައި އައިޑީކާޑު ނަމްބަރު ނެތް ލިސްޓް ހުރިކަމަށް ބުނެ އިދިކޮޅު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ކަންބޮޑުވުންފާޅުކޮށް ލިސްޓުގައި ސޮއިކުރުމަށް އެ ދެ ޕާޓީން ވަނީ ދެކޮޅު ހަދާފައެވެ. އެ ވާހަކަތަކަށް ރައްދު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ކެންޑިޑޭޓުން ސޮއިކުރުމަށް ދީފައިވާ ލިސްޓްގައި އައިޑީކާޑް ނަމްބަރުގެ އިތުރުން ވޯޓްލުމުގެ ޙައްޤުލިބިގެންވާ މީހުންގެ ފޮޓޯވެސް ހިމެނޭކަމަށެވެ. އަދި ލިސްޓް އެކުލަވާލާފައިވާނީ ސުޕްރީމް ކޯޓުގެ ގައިޑްލައިނާ އެއްގޮތަށްކަމަށާއި ލިސްޓާމެދު ރަސްމީގޮތުން އެކޮމިޝަނަށް އެއްވެސް ޝަކުވާއެއް ހުށައެޅިފައި ނުވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ވޯޓާސް ލިސްޓުގައި އިދިކޮޅު އެމް.ޑީ.ޕީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ހިމެނޭގޮތުން ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންވެސް ސޮއިކުރަމުންދާކަމަށެވެ. އަދި ޖުމްހޫރީ ޕާޓީންވެސް މިއަދުގެ ނިޔަލަށް މިލިސްޓްގައި ސޮއިކުރާނެކަމަށް އެޕާޓީން ބުނެފައިވާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އިންތިޚާބުތަކުގައި ޢަމަލުކުރުމަށް ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ގައިޑްލައިންގައި ވަނީ އިންތިޚާބުތަކުގެ ޞައްޙަކަން ކަށަވަރު ކުރުމަށް ކޮންމެ ދާއިރާއަކުން ވެސް ވާދަކުރާ ކެންޑިޑޭޓުން އެ ދާއިރާއެއްގެ ވޯޓު ލިބުމުގެ ޙައްޤުލިބިގެންވާ މީހުންގެ ލިސްޓްގައި ސޮއި ކުރަން ޖެހޭނެކަމަށެވެ.

ކައުންސިލް އިންތިޚާބުގައި ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމަށް ދީފައިވާ މުއްދަތު މިއަދު ހަމަވާނެއެވެ.