ވިޔަފާރި

އުރީދޫގެ 15 އިންސައްތަ ހިއްސާ އާންމުންނަށް!


އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑްގެ ޙިއްޞާ އާއްމުނަށް ވިއްކުމަށް ނިންމާ އެކަން އިއުލާންކޮށްފިއެވެ.

އުރީދޫއިން ބުނީ ހިއްސާ ވިއްކަން ފަށާނީ މިމަހުގެ 30 ވަނަ ދުވަހުން ފެށިގެންކަމަށެވެ. އުރީދޫގެ ޙިއްޞާއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 30 ރުފިޔާއަށެވެ. ހިއްސާ ވިކަން ފަށާއިރު ކުންފުނީގެ %15 ހިއްސާ ވިއްކިނަމަވެސް ތަރުހީބަށް ބަލައި %40 އާއި ހަމަޔަށް އާއްމުނަށް ޙިއްޞާ ވިއްކާނެކަމަށް އުރީދޫއިން ބުނެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ޕްރޮސްޕެކްޓަސް ރަސްމީކޮށް ތައާރަފްކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭގެ ގަވަރުނަރު ޑރ އަޒީމާ އާދަމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ އަޒީމާ އާދަމް ވިދާޅުވީ، އުރީދޫ މޯލްޑިވްސްގެ ކާމިޔާބީ ދައްކުވައިދެނީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އޮތް ކުރިއެރުމާއި ފަހި ފުރުޞަތުތައްކަމަށެވެ. އުރީދޫން ރާއްޖޭގެ ޙިއްސާގެ ބާޒާރަށްވަދެ ޙިއްސާ ވިއްކަން ނިންމި ނިންމުމަކީ ޙިއްސާގެ ބާޒާރުގެ އިތުބާރު ބޮޑުވެގެންދާނޭކަމެއްކަމަށްވެސް ގަވަރުނަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީއީއޯ ވަލީދު އަލް ސައްޔިދު ވިދާޅުވީ، އުރީދޫ މޯލްޑިވްސްއިން ރާއްޖޭގައި ކާމިޔާބު ޙިދުމަތްތަކެއް ދެއްވަމުން އަންނަކަމަށެވެ. މިގޮތުން އުރީދޫން ރާއްޖޭގައި ކުރަމުން އަންނަ އިންވެސްޓްމަންޓްތަކުގެ އުއްމީދު ބޮޑުކަން ވަލީދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދެވަނަ ޓެލެކޮމް އޮޕަރޭޓަރެއްގެ ގޮތުން އުރިދޫއިން ޚިދުމަތް ދޭން ފަށާފައިވަނީ 2005 ވަނަ އަހަރުގައެވެ. އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަކަށް ބަދަލުކޮށް ހިއްސާގެ ބާޒާރުގައި ލިސްޓްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރމަހުގެ ބާރަވަނަ ދުވަހުއެވެ.