ޚަބަރު

އދ.ގެ ސެކިއުރިޓީ ކައުންސިލަށް ކުރިމަތިލާން ރާއްޖެއިން ނިންމައިފި


ބައިނަލްއަޤްވާމީ މަސްރަޙުގައި ބަސްވިކޭ ޤައުމަކަށް ވުމަށްޓަކައި އދ.ގެ ސެކިއުރިޓީ ކައުންސިލްގެ ކުރިއަށްއޮތް ދައުރުގެ ގޮނޑިއަކަށް ކުރިމަތިލެއްވުމަށް ރާއްޖެއިން ނިންމަވާފައިވާކަމަށް ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

ސަފީރުންގެ މަހާސިންތާ ފެށްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވީ ބައިނަލްއަޤަވާމީ މުޖުތަމައުގައި ދިވެހިރާއްޖެއަކީ ބާރުވެރި، ދުނިޔޭގެ ކަންކަމުގައި ބަސްވިކޭ ޤައުމަށްވުމަށްޓަކައި، އދ. ސެކިއުރިޓީ ކައުންސިލްގެ ނޮން-ޕާމަނެންޓް މެންބަރުކަމަށް ރާއްޖެ ކުރިމަތިލުމަށް ނިންމަވާފައިވާކަމަށެވެ. 

ދުނިޔޭގެ ކުދި ޤައުމުތަކުން ރާއްޖެއަކީ ލީޑަރެއްގެ ގޮތުގައި ބަލައިގަންކަމަށާއި، މިއީ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ ހާމަކޮށްދޭ ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިވަން ޚާރިޖިއްޔާއެއް ޤާއިމުކުރެއްވުމަށްޓަކައި، އިޤްތިޞާދީ ފުދުންތެރިކަން ޤާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތު ފުރިހަމައަށް ތަންފީޛު ކުރައްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14882720529884.jpg|ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް، އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ 34 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ / ފައިލް ފޮޓޯ: ފޮރިން މިނިސްޓަރ

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ދިވެހިރާއްޖޭގައި އިޤްތިޞާދީ ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލްކުރުމަށް، ފަތުރުވެރިކަމުގެ ސިނާޢާތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރެއްވުން މުހިންމުކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ސަފީރުންނަށް މުހިންމު ދައުރެއް އަދާކުރެވިދާނެކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ސަފީރުންގެ ދައުރު ފުޅާކުރެއްވިއްޖެނަމަ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ހިންގާ ޚަރަދު ވަރަށް ބޮޑަށް ކުޑަވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ރާއްޖޭގައި އިންޓަރގްރޭޓެޑް ޓޫރިޒަމް ތަރައްޤީކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އައްޑޫ ސިޓީއާއި، ލާމު އަތޮޅުގައި ކުރިއަށްގެންދިއުމަށް ރާއްވަވާފައިވާ ބިޔަ މަޝްރޫޢުތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

2 ދުވަހުގެ މުއްދަތަށް ކުރިއަށްދާ ސަފީރުންގެ މަހާސިންތާގެ ތެރެއިން ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުޞަތުތަކާ ގުޅޭ މައުލޫމާތު ބޭރުގެ އިންވެސްޓަރުންނާ ޙިއްޞާކުރުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގައި ތިއްބަވާ ދިވެހި ސަފީރުންނަށް އަދާކުރެވިދާނެ ދައުރާ ގުޅޭ މައުލޫމާތު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބައިނަލްއަޤްވާމީ އެކި ކަންކަމުގައި ސަރުކާރުން ނަންގަވާ ސްޓޭންޑް ހުރިހާ އެމްބަސެޑަރުންނާ އެއް ފޯރަމެއްގެ ތެރޭގައި ޙިއްޞާކުރެވިގެންދާނެކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.

އިޤްތިޞާދީ ކަންކަމާ ގުޅޭ މައުލޫމާތުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، އިންސާނީ ޙައްޤުތަކާ ގަވަރނެންސާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ މައުލޫމާތު ސަފީރުންގެ މަހާސިންތާގެ ތެރެއިން ޙިއްޞާކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.