ކުޅިވަރު

ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ދަނީ ނަތީޖާ ފެންނަމުން


ޒުވާނުންނަށާއި ކުޅިވަރު ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައެޅުއްވި 300 މިލިއަން ރުފިޔާގެ ތެރެއިން 290 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވާ ނަތީޖާ ނެރުއްވާފައިވާކަމަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.



ސަރުކާރުގެ ޒުވާނުންގެ މެނިފެސްޓޯއިން ޙާސިލްވި ކަންކަމާއި މިއަހަރަށް ކަނޑައަޅުއްވާފައިވާ މުހިންމު ބައެއް މަސައްކަތްތަކާއި އަދި ކުރެވިފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވުމަށް ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މިސަރުކާރުން މިހާތަނަށް ރާއްޖޭގައި ފަންސާހަށްވުރެ ގިނަ ފުޓްސަލް ދަނޑު ޤާއިމް ކުރައްވާފައިވާ ކަމަށެވެ. މިހާރުވެސް ގިނަ ފުޓްސެލް ދަނޑުތަކެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހަފްތާގައިވެސް ވަނީ 15 ދަނޑެއްގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރައްވާފައެވެ. އަދި އަށްޑިހައަށްވުރެ ގިނަ ބަށި ކޯޓާއި ސާޅީހަށްވުރެ ގިނަ ވޮލީކޯޓް ޤާއިމް ކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އިންޑޯ ކޯޓްގައި ކުޅޭ ކުޅިވަރުތަކުގެ އިންފްރާ ސްޓްރަކްޗަރ ޤާއިމް ކުރެއްވުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

މިއަހަރަށް މިނިސްޓްރީން ކަނޑައަޅުއްވާފައިވަނީ މިއަހަރު ނިމުމުގެ ކުރިން އެރީނާ މަޝްރޫޢުގެ %80 މަސައްކަތް ނިންމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޔޫތު ސިޓީގައި ޤާއިމްކުރައްވާ ސިންތެޓިކް ޓްރެކް އެސިޓީގައި ޤާއިމްކޮށް، ތަނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމް ކުރުމުގެ މަސައްކަތްވެސް ދާދި އަވަހަށް ނިމޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ގދ.ތިނަދޫގައި ސްޕޯޓްސް އެރީނާ އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާއިރު، އެ މަޝްރޫޢަށް އެކާވީސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރައްވާފައިވާ ކަމަށް ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

ތިންސަތޭކަ މިލިއަން ރުފިޔާގެ ބަޖެޓުން ކުޅިވަރު އެސޯސިއޭޝަންތަކަށް 78 މިލިއަން ރުފިޔާ ވަނީ ޚަރަދުކުރައްވާފައެވެ. ޤައުމީ ޓީމްތަކުގެ 213 ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި އެކަނިވެސް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ. އަދި އޭއެފްސީ ޗެލެންޖް ކަޕަށް 62 މިލިއަނަށްވުރެ ގިނަ ރުފިޔާ ބަޖެޓުން ޚަރަދުކުރައްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ރައީސް ޔާމީންގެ ކުރައްވަމުންގެންދަވާ މިސައްކަތްޕުޅުގެ ފޮނި މީރުކަން ވަރަށް ރަނގަޅަށް ފެންނަމުން އަންނަކަމަށާއި، އެކަން އެންމެ ރަނގަޅަށް ފެންނަމުން ދަނީ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ކުޅިވަރުތަކުން ހޯދަމުން އަންނަ ކާމިޔާބީކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.