ވިޔަފާރި

މޯލްޑިވްސް އިސްލާމިކް ބެންކުގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައިފި


މޯލްޑިވްސް އިސްލާމިކް ބޭންކު, އެމްއައިބީގެ ބްރާންޗެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

އެމްއައިބީގެ ހުޅުމާލެ ބްރާންޗު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރާއި އެމްއައިބީގެ ބޯޑުގެ ޗެއަރމަން ނަޖްމުލް ހަސަންއެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ އައު ބްރާންޗް ހުޅުވާފައިވަނީ ހުޅުމާލެ، ސެންޓްރޯ މޯލްގައެވެ. މި ތަނުން އެމްއައިބީގެ މެއިން އޮފީހުން ދޭ ހުރިހާ ޚިދުމަތެއް ލިބޭނެ ކަމަށް އެބޭންކުން މައުލޫމާތުދެއެވެ.

އަލަށް ހުޅުވި މި ބުރާންޗާ އެކު އެމްއައިބީގެ ބްރާންޗުތަކުގެ ޢާދަދު ވަނީ ފަހަކަށް އަރާފައެވެ. އެ ބޭންކުން އަންނަނީ މާލެ، އައްޑޫ ސިޓީ، ގދ.ތިނަދޫ، ހދ.ކުޅުއްދުއްފުށީގައި އެބޭންކުގެ ބްރާންޗްތައް ހުޅުވައި ޙިދުމަތްދެމުންނެވެ.

img:http://s4.psmnews.mv/images/660x400/14930513578548.jpg|ހުޅުމާލޭގައި މޯލްޑިވްސް އިސްލާމިކް ބެންކުގެ ބްރާންޗެއް ހުޅުވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމްއައިބީ

ހުޅުމާލެ ބުރާންޗު ހުޅުވުމަށް ސެންޓްރޯ މޯލްގައި ބޭއްވި ހަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރު ވަނީ އިސްލާމިކް ބޭންކު ރާއްޖޭގައި ހުޅުވިފަހުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހޯދާފައިވާ ކުރިއެރުމަށް ތައުރީފް ކުރައްވާފައެވެ. އަދި އެ ބޭންކަކީ ސަރުކާރުގެ ފަންސަވީސް އިންސައްތަ ޙިއްސާ އޮންނަ ބޭންކެއްކަން ފާހަގަކުރައްވާ ކުރިމަގުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޭޖަރ ޝެއަރ ހޯލްޑަރުންނަކީ ދިވެހިންނަށް ހެދުމަށް ބޭނުންވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެފވެ.

"ދިވެހިންނަކީ ފޯނާއި ރައްޓެހި ބައެއް، އަދި އާ ޓެކްނޮލޮޖީތަކަށް ލޯބިކުރާ ބައަކަށްވާއިރު، އޭގެ ބޭނުން އެމްއައިބީންވެސް ހިފާ، މޯބައިލް ބޭންކިންގެ ޙިދުމަތްދޭން ފެށުން މުޙިއްމު. އަދި އެމްއައިބީއިން ތައާރަފްކުރާ ޙިދުމަތްތަކާއި ގުޅޭ މައުލޫމާތު އާއްމުންނަށް ދިނުމަށް ބޭންކާއި ގުޅޭ އިޝްތިހާރުތައް އިތުރުކުރުން މުޙިއްމު" މިނިސްޓަރ މުނައްވަރު ވިދާޅުވިއެވެ.  

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއައިބީގެ ބޯޑުގެ ޗެއަރމަން ނަޖްމުލް ހަސަން ވިދާޅުވީ އެ ބޭންކުން ދޭ ޚިދުމަތްތައް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާކުރުމަށްޓަކައި މިއަހަރުތެރޭ އަދި އިތުރު ބްރާންޗެއް ރާއްޖޭގައި ހުޅުވާނެ ކަމަށެވެ. އެމްއައިބީގެ ހުޅުމާލެ ބުރާންޗު ހުޅުވުމަށްޓަކައި ސެންޓްރޯ މޯލްގައި ބޭއްވި ޚާއްސަ ހަފްލާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިސް ބޭފުޅުންނާއި، ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.