ޚަބަރު

ޓީޓީއެމްއަށް 80 އަށްވުރެ ގިނަ ބޭރުގެ އޭޖެންޓުން ރަޖިސްޓްރީވެއްޖެ


ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް ފެއަރ، ޓީޓީއެމްގައި ބައިވެރިވުމަށް މިހާތަނަށް ބޭރުގެ 80 އަށްވުރެ ގިނަ ޓްރެވަލް އޭޖެންޓުން ރަޖިސްޓްރީވެފައިވާ ކަމަށް މި ފެއަރ އިންތިޒާމް ކުރާ ފަރާތުން ހާމަކޮށްފިއެވެ.

މޯލްޑިވްސް ގެޓަވޭސްއުން އިންތިޒާމުކުރާ މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖޭގެ ރިސޯޓްތަކާއި ބައިނަލްއަގުވާމީ މުޖުތަމައުގައި ފާހަގަކޮށްލެވޭ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާ ގުޅުވާލުމުގެ ގޮތުން ބާއްވާ މި މިފެއަރއަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި މޯލްޑިވްސް ގެޓްއަވޭޒްގެ ބިޒްނަސް ޑިވެލޮޕްމެންޓް އޮފިސަރު ޑރ. ސަނީ އުމަރު ވިދާޅުވީ މިހާތަނަކަށް ރާއްޖޭގެ 80 ރިސޯޓަކުން މި ފެއަރގައި ބައިވެރިވުމަށް ރަޖިސްޓްރީ ވެފައިވާ ކަމަށާއި، އަމާޒަކީ 150 ރިސޯޓް މި ފެއަރގައި ބައިވެރިކުރުން ކަމަށެވެ.

ޓީޓީއެމްގެ ތެރެއިން ތަފާތު އިތުރު ހަރަކާތްތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހޮޓަލިއަރ ސަމިޓް، ޕާޓާއިން ބާއްވާ ޓްރެނިންގ ހިމެނެއެވެ.

ޓީޓީއެމްގެ ގާލާ ނައިޓް ބާއްވަން ހަމަޖައްސާފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު، އަދާރަން ހުދުރަންފުށި ރިސޯޓުގައެވެ. ގާލާ ނައިޓުގައި މަޓާޓޯއިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ޕީޕަލް އެޑިޝަންގެ އެވޯޑު ލިބޭ މީހުން އިއުލާން ކުރާނެއެވެ.