ދުނިޔެ

ޗައިނާގެ ފުރަތަމަ އެއަރކްރާފްޓް ކެރިއަރ ލޯންޗުކޮށްފި


ޗައިނާއިން ފުރަތަމަ ފަހަރަށް ތަރައްޤީކުރި އެއަރކްރާފްޓް ކެރިއަރ ނުވަތަ މަތިންދާބޯޓު އުފުލާ މަނަވަރުގެ މަސައްކަތް ނިންމާ، ކަނޑަށް ބާލައިފިއެވެ. 

ޗައިނާގެ ރަސްމީ މީޑިއާތައް ބުނާގޮތުން ޗައިނާއިން ފުރަތަމަ ފަހަރަށް ތަރައްޤީކުރި އެއަރކްރާފްޓް ކެރިއަރ ކަނޑަށް ބޭލުމަށް ބުދަ ދުވަހު ހެނދުނު ބޭއްވި ރަސްމިއްޔާތު އޮތީ ޗައިނާގެ އިރު ދެކުނުން އޮންނަ ޑަލިއަން ބަނދަރުގައެވެ. ކުލަގަދަކޮށް ބޭއްވި މިރަސްމިއްޔާތުގައި ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ވައިސް ޗެއަރމަންއާއި ނޭވީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. 

img:http://s4.psmnews.mv/images/660x400/14931847293871.jpg|ޗައިނާއިން ފުރަތަމަ ފަހަރަށް ތަރައްޤީކުރި އެއަރ ކްރާފްޓް ކެރިއަރ / ފޮޓޯ: ޒިންހުއާ

2013 ވަނަ އަހަރު މަސައްކަތް ފެށި މަނަވަރު ކަނޑަށް ބާލާފައިވާއިރު މި މަނަވަރަށް އަދި ނަމެއް ދީފައެއް ނުވެއެވެ. މަނަވަރުގައި ނުނިމި ކުދިކުދި މަސައްކަތްތައް ހުރިނަމަވެސް، މަނަވަރުގެ މައިގަނޑު މަސައްކަތްތައް ވަނީ ނިންމާލާފައެވެ. ޙަބަރުތައް ބުނާގޮތުން މިމަނަވަރު ބޭނުންކުރަން ފަށާނީ 2020 ވަނަ އަހަރުއެވެ. މިއީ ޗައިނާގެ އަސްކަރިއްޔާގެ ދެވަނަ އެއަރކްރާފްޓް ކެރިއާއެވެ. 2012 ވަނަ އަހަރު ޗައިނާއިން ވަނީ ސޮވިއެޓް ޔޫނިއަންގެ އެއަރކްރާފްޓް ކެރިއާއެއް ޔޫކްރޭނުން ގަނެ، ބޭނުންކުރަން ފަށާފައެވެ.  

ޗައިނާއިން އަމިއްލައަށް ތަރައްޤީކުރި ފުރަތަމަ އެއަރކްރާފްޓް ކެރިއަރ ލޯންޗުކޮށްފައި މިވަނީ، އުތުރު ކޮރެޔާ އާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ޗައިނާ ހިމެނޭ ސަރަޙައްދުގައި ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު އެކި ފަރާތްތަކުން ދެމުންދާއިރު، ޗައިނާއިން ވަނީ މިމައްސަލަ ސުލްޙަވެރިކަމާއެކު ޙައްލުކުރުމަށް ގޮވާލާފައެވެ.