ޚަބަރު

"ތެލަސީމިއާ ކުދިންނަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދޭންޖެހޭ"


ތެލަސީމިއާ ކުދިން އެކުދިންގެ ޞިއްހަތައް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދެއްވުމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫން އިލްތިމާސްކުރައްވައިފިއެވެ.

ސްޓޭޓް މިނިސްޓަރ މިކަމަށް އިލްތިމާސްކުރައްވާފައި ވަނީ ތެލަސީމިއާ ކުދިންނަށް ޙާއްސަ ކޮށްގެން "ރެސްކިއު ޔުއަރ ސެލްފް" ގެ ނަމުގައި ބޭއްވި ވޯކްސޮޕް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. 

ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ތެލެސީމިއާ ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވާ، ތެލެސީމިއާ ކޮންޓްރޯލްކުރުމުގައި ރާއްޖެއިން ފާއިތުވި އަހަރުތަކުގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ. އަދި ތެލެސީމިއާ ކުދިންނަށް ބޭނުންވާ އެކި ކަހަލަ ފަރުވާތައް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދިނުމަށް ސިއްޙީ ދާއިރާގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ދުންޔާ ފާހަގަކުރެއްވިއެވެ. ތެލެސީމިއާ ކުދިން، އެކުދިންގެ ޞިއްހަތައް އަބަދުވެސް ސަމާލުވުން މުހިއްމުކަން ފާހަގަކުރައްވާ، ދުންޔާ ވަނީ މިކަމުގައި ފަރުވާކުޑަ ނުކުރުމަށް ހުރިހާ ފަރާތްތަކަކަށްވެސް އިލްތިމާސްކުރައްވާފައެވެ.

12 އަހަރުން މަތީގެ ތެލަސީމިއާ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ވޯކްޝޮޕަކީ، ތެލެސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ ހޯދުމުގައި ހުރި ދަތިތައް ދެނެގަނެ، އެކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަން އަންގައިދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ. އެއް ދުވަހުގެ މި ވޯކްޝޮޕް އިންތިޒާމްކޮށްފައި ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ފަރާތުންނެވެ. 

18 ބައިވެރިންނާއިއެކު ކުރިއަށްގެންދިޔަ މި ވޯކްޝޮޕް ނިމިގެންދިޔައިރު، ކޮންމެ ބައިވެރިއަކުވެސް ވަކި އަމާޒެއް ކަނޑައަޅާފައިވާކަމަށް މި ހަރަކާތް އިންތިޒާމުކުރި ފަރާތުން ބުނެއެވެ.