ޚަބަރު

ކައުންސިލް އިންތިޚާބުގައި ރައީސް ޔާމީން ވޯޓުލައްވައިފި


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ޢަބްދުލްޤައްޔޫމު ވޯޓުލައްވައިފިއެވެ. އެމަނިކުފާނު ވޯޓު ލައްވާފައިވަނީ އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ގަލޮޅު އުތުރު ދާއިރާގެ މީހުން ވޯޓްލުމަށް ކަނޑައެޅިފައިވާ ވޯޓު ފޮއްޓަށެވެ. މިވޯޓް ފޮށި ބެހެއްޓިފައިވަނީ ސެންޓަރފޯރ ހަޔަރސެކަންޑްރީ އެޑިޔުކޭޝަންގައެވެ. މިވޯޓު ފޮށްޓަށް 855 މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ.

ވޯޓު ލެއްވުމަށްފަހު ޕީއެސްމް ނިއުސް އާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ޢަބްދުލްޤައްޔޫމް ވިދާޅުވީ މިއިންތިޚާބަކީ އިންޞާފު ވެރި އިންތިޚާބަކަށް ވާންޖޭހޭކަމަށެވެ. އަދި ވޯޓު ލާން ފެށިއިރު ކުދިކުދި މައްސަލަތައް ހުރި ނަމަވެސް މާބޮޑު މައްސަލައެއް ނެތްކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ދުރާލާ ތައްޔާރުވެފައިވާތީ ދިމާވެފައިވާ ކުދިކުދި މައްސަލަ ވެސް ޙައްލު ކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއިންތިޚާބުގައި، ބައިނަލްއަޤްވާމީ މުޖްތަމައުން ވަންނަންޖޭހޭ ވަރުގެ މަސައްލައެއް ދިމާވާނެކަމަށް ޤަބޫލު ފުޅު ނުކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއޔާ ވިދާޅުވިއެވެ.