ޚަބަރު

ޞައްޙަ ނޫން ވޯޓު ކަރުދާހަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޞައްޙަ ނޫން ކަރުދާސް ގެންގުޅެދާނެތީ އެކަމަށް ސާމާލުވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރައްވައިފިއެވެ. 

އެކޮމިޝަނުން މިކަމަށް އިލްތިމާސް ކުރެއްވީ ޞައްޙަ ނޫން ވޯޓް ކަރުދާސްތަކެއް ޗާޕްކޮށްގެން އުޅޭކަމުގެ ޝަކުވާތަކެއް އެކޮމިޝަނަށް ހުށަހެޅަމުންދާތީ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. އެކޮމިޝަނުން ވިދާޅުވީ މިފަދަ ޞައްޙަނޫން ކަރުދާސް ގެންގުޅުނު ކަމަށްވިޔަސް އެފަދަ ކަރުދާހެއް ވޯޓު ފޮށްޓަށް ނޭޅެނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. އެކޮމިޝަންގެ ކަރުދާސްތައް ޗާޕުކޮށްފައި ހުރި ސަލާމާތީ ފީޗާސްތަކާއެކު އެހެން ބަޔަކަށް ޗާޕު ނުކުރެވޭނެ ގޮތަށްކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވައެވެ. ވޯޓުލުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ކަރުދާސް ފިޔަވައި އިތުރު ކަރުދާހެއްގައި ލާ ވޯޓަކީ ބާޠިލް ވޯޓެއްކަމަށް ޤަވާޢިދުގައި ވަނީ ކަނޑައަޅާފައެވެ.

އިލެކްޝަން ކޮމިޝަންން މިހާރު ވަނީ ވޯޓުލުން ފަށަން ހަމަޖެހިފައިވާ ވަގުތުގައި ވޯޓުލުން ފެށިފައިނުވާ ވޯޓު ފޮށިތަކަށް ވޯޓުލާން އިތުރު ފުރުޞަތު ދެއްވަން ނިންމަވާފައެވެ. މިއަދު ވޯޓުލުން ނުފެށޭ ވޯޓު ފޮށްޓެއް މިހާރު ނުހުންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމަތު ދެއްވައެވެ.