ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ގުނަން ފަށައިފި


މިއަދު ރާއްޖޭގައި ކުރިއަށްދިޔަ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ވޯޓުލުން ނިމި، ބައެއް ސަރަޙައްދުތަކުގެ ވޯޓު ފޮށިތައް ގުނަން ފަށައިފިއެވެ.

ވޯޓު ގުނަން ފަށާފައިވަނީ ވޯޓު ފޮށި ބަންދުކުރުމަށްފަހު، ތިރީސް މިނެޓް ފަހުންނެވެ. ވޯޓު ގުނުން ކުރިއަށްދާއިރު، އިންތިޚާބުގެ އޮބްޒާވަރުންނާއި މޮނީޓަރުން ވޯޓުލާ މަރުކަޒުތަކުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. 

tw:https://twitter.com/PSMnewsmv/status/860854777424392192

ލޯކަލް ކައުންސިލްތަކުގެ ޤާނޫނުގެ ދަށުން މިއަދު ކުރިއަށްދާ ކައުންސިލްތަކުގެ އިންތިޚާބަކީ މިގޮތަށް ބާއްވާ ތިންވަނަ އިންތިޚާބެވެ. މިއަހަރު މި އިންތިޚާބަށް ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ 255987 މީހުން ތިބިއިރު މިއަހަރުގެ ކައުންސިލް އިންތިޚާބަށް 1487 ކެންޑިޑޭޓަކު ކުރިމަތިލާފައިވެއެވެ.

img:http://s1.psmnews.mv/images/660x400/14940645959250.jpg|މާލޭގެ ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައިވާ ފޮށްޓަކަށް މީހަކު ވޯޓް ލަނީ / ފޮޓޯ: ޕީއެސްއެމް

މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޖުމްލަ 422 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެގޮތުން މާލޭގައި ޖުމްލަ 107 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން މާލޭގައި 55 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މާލޭގައި އަތޮޅުތަކުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން 52 ވޯޓު ފޮށި ބަހައްޓާފައިވާއިރު އަތޮޅުތަކުގައި ޖުމްލަ 301 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. ރިސޯޓުތަކުގައި ބަހައްޓާފައިވަނީ ޖުމްލަ 7 ވޯޓު ފޮށްޓެވެ. އެއީ ބަނޑޮހާއި ރީތިރަށާއި ފެންފުއްޓާއި ވެލައްސަރާއި ކުރަމައްޗާއި ކުރުނބާ އަދި ކޮންރެޑް މޯލްޑިވްސްއެވެ. 

tw:https://twitter.com/PSMnewsmv/status/860853865213644801

އިންޑަސްޓްރިއަލް ރަށްރަށުގެ ތެރެއިން ވޯޓު ފޮށި ބެހެއްޓީ ހަމައެކަނި ތިލަފުށީގައެވެ. ޖަލުތަކުގައި ޖުމްލަ 4 ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެއީ މާލޭޖަލާއި މާފުށިޖަލާއި ހިންމަފުށި އައްސޭރި ޖަލު އަދި ދޫނިދޫ ޖަލުގައެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ހަމައެކަނި ކޮލޮމްބޯގައެވެ.

ވަކިވަކި ޕާޓީތަކަށް ބަލާއިރު މިއަހަރުގެ ކައުންސިލް އިންތިޚާބުގައި ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 5 ޕާޓީއަކުން ވާދަކުރެއެވެ.