ޖަޕާނަށް މިހާރު ވަޑައިގެން އުޅުއްވާ ދިވެހިރާއްޖޭގެ ފިނޭންސް މިނިސްޓަރ، އަޙްމަދު މުނައްވަރު، ޖަޕާނުގެ ބޮޑުވަޒީރުގެ ނައިބު އަދި ފިނޭންސް މިނިސްޓަރ ޓާރޯ އާސޯގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރާއްޖޭގެ ފިނޭންސް މިނިސްޓަރު އަޙްމަދު މުނައްވަރާ، ޖަޕާނުގެ ބޮޑުވަޒީރުގެ ނާއިބު ޓާރޯ އާސޯއާއި ދެބޭފުޅުންގެ ބައްދަލުވުން އޮތީ، ޔޮކޮހާމާގެ ޕެސިފިކޯގައެވެ. މިބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ، އަޙްމަދު މުނައްވަރު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނުގެ ޙާއްޞަ ސިޓީފުޅެއް ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް އެރުވުމަށް ޓާރޯ އާސޯއަށް ޙަވާލުކުރައްވާފައެވެ.
ޖަޕާނުގެ ބޮޑުވަޒީރުގެ ނާއިބު ޓާރޯ އާސޯއާއެކު ބޭއްވެވި މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ، އަޙްމަދު މުނައްވަރު ވަނީ ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ ފަންސާސް އަހަރުފުރޭތީ އެކަން ފާހަގަކުރައްވައި ޓާރޯ އާސޯއަށް މަރުހަބާ ދަންނަވާފައެވެ. އަދި ދެހާސް ސާދަވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު ޖަޕާނަށް ކުރެއްވި ދަތުރުފުޅަށްފަހު ދެޤައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
img:http://s2.psmnews.mv/images/660x400/14941490590163.jpg|ފިނޭންސް މިނިސްޓަރ، ޖަޕާނުގެ ބޮޑުވަޒީރުގެ ނައިބާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ފިނޭންސް މިނިސްޓްރީ
މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ވަނީ، ޖަޕާނުގެ ބޮޑުވަޒީރުގެ ނާއިބަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނުގެ އިޤްތިޞާދީ އެޖެންޑާއާއި ބެހޭ މައުލޫމާތު ޙިއްޞާކުރައްވައި، ރާއްޖޭގައި ކުރިއަށްގެންދާ މުހިއްމު މަޝްރޫއުތަކުގެ މައުލޫމާތުވެސް ޙިއްޞާކުރައްވާފައެވެ. ޖަޕާނުގެ ބޮޑުވަޒީރުގެ ނާއިބު ޓާރޯ އާސޯ ވިދާޅުވީ، ޖަޕާނާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ބަދަހިކުރެއްވުމަކީ، ޖަޕާނުން ޚާއްޞަ އިސްކަމެއްދެއްވާ ކަމެއްކަމަށެވެ.
އެގޮތުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖަޕާނުގެ ބޮޑުވަޒީރުގެ ނައިބު ވަނީ، ރާއްޖެއަކީ ޖަޕާނުގެ ރައްޔިތުންގެ މެދުގައި ފަތުރުވެރިކަމުގެ މުހިއްމު މަންޒިލެއްކަން ފާހަގަކުރައްވާފައެވެ. ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރާއި ޖަޕާނުގެ ބޮޑުވަޒީރުގެ ނައިބު ޓާރޯ އާސޯގެ މިބައްދަލުވުމުގައި ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.