ޚަބަރު

މަސްވެރިކަމުގެ ސިނާޢަތަށް ޖަޕާނުން އަބަދުވެސް އެހީވާނެ- ސަފީރު


ދިވެހިންގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ޖަޕާނު ސަރުކާރުގެ އެހީތެރިކަން އަބަދުވެސް ދެމުންގެންދާނޭކަމަށް ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ކަޒުމީ އެންޑޯ ވިދާޅުވެއްޖެއެވެ.

ޖަޕާނު ސަފީރު މިގޮތަށް ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި ޖައިކާ ގުޅިވަޑައިގެން މިއަދު ޝީ-ބިލްޑިންގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ކަޒުމީ ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ތަރައްޤީ ކުރެއްވުމަކީ ޖަޕާނު ސަރުކާރުން ވަރަށްބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށެވެ. މިއީ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ މިސާލެއްކަމަށް ސަފީރު ފާހަގަކުރެއްވިއެވެ. ޖަޕާނުގެ ސަފީރު ކަޒުމީ އެންޑޯ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގެ ކުރިއެރުމަށް މަސްވެރިކަމުގެ ސިނާއަތަކީ މުހިއްމު ސިނާއަތެއްކަމަށެވެ.

ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ހުސެއިން ސިނާނު ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ދިރާސާގެ މަސައްކަތް ވަރަށް ކާމިޔާބުކަމާއިއެކު ކުރިއަށްދާކަމަށެވެ. މިގޮތުން މިހާތަނަށް މުހިއްމު ދިރާސާތަކެއް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންގޮސްފައިވާކަން ސިނާން ފާހަގަކުރެއްވިއެވެ. 

މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާއަތުގައި ފިޝަރީޒް މިނިސްޓްރީގެ ކަމާއި ގުޅުންހުރި ބޭޅުންނާއި، ޖައިކާގެ އޮފިޝަލުންގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ފަރާތްތަކުން ބައިވެރިވެއެވެ. މި ވޯކްޝޮޕްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވަނީ ކަނޑުމަހުގެ މަސްވެރިކަމާއި، ފަރުމަސްވެރިކަމާއި ފަރުގެ މުއްސަދިކަމާއި، ކަނޑުގެ ދިރުންތައް ވިއްސުމާއި ބޮޑުކުރުން އަދި މަހާއި މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމާއި ބެހޭ ގޮތުންނެވެ. 

ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ތަރައްގީގެ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަޝްރޫއު ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދަވަނީ، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާއި ގުޅިގެނެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ މަގްސަދަކީ، ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއެރިވުމަށް ބޭނުންވާ، މެދު އަދި ދުރުރާސްތާ ޕްލޭންތައް އެކުލަވާލާ ސަރުކާރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުންކަމަށެވެ.