ޚަބަރު

މޯލްޑިވްސް ފައިނޭންސް ފޯރަމްގެ މެއިން ސްޕޮންސަރ ހަމަޖައްސައިފި


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބާއްވަވާ "މޯލްޑިވްސް ފައިނޭންސް ފޯރަމް 2017"ގެ މެއިން ސްޕޮންސަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސާ، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.  

އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިފޯރަމް އޮންނާނީ އަންނަ ބުރާސްފަތި ދުވަހު ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ. ފައިނޭސް އިންޑަސްޓްރީ ކުރިއަރުވައި ޕެންޝަން ނަގާ ފަރާތްތަކަށް އިތުރު ފަސޭހަ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ މިއަހަރުގެ ޝިއާރަކީ އެސެޓް މެނޭޖްމަންޓްއެވެ.  

މި ފޯރަމްގެ މެއިން ސްޕޮންސަރުނާއި އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީ.އީ.އޯ މުޙައްމަދު ހުސައިން މަނިކް ވިދާޅުވީ މިއީ ޕެންޝަން ދޫކުރުމުގެ ދާއިރާގައި އިންޝުއަރެންސް ކުންފުނިތައް ބައިވެރިކުރުވާ މި ދާއިރާ އިތުރަށް ހަރުދަނާ ކުރެއްވުމަށް ބާއްވަވާ ފޯރަމެއްކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލައިޑް އިންޝުއަރެންސްގެ ޗެއާ ޕާރސަން އަހްމަދް އަމީލް ވިދާޅުވީ މޯލްޑިވްސް ފައިނޭންސް ފޯރަމް ޕެންޝަނާއި ގުޅޭގޮތުން ރައްޔިތުންގެ ހުރި ޝަކުވާތައް ބަލައި އެކަންކަމަށް ހައްލު ހޯދެނޭ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެކަމަށެވެ.

މޯލްޑިވްސް ފައިނޭންސް ފޯރަމް 2017ގައި ވޯލްޑް ބޭންކާއި ފައިނޭންޝަލް ދާއިރާގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަކުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. މިއީ މި ފޯރަމް ބާއްވާ 6 ވަނަ އަހަރެވެ.