ވިޔަފާރި

ބީއެމްއެލްގެ ކަސްޓަމަރުންނަށް އުރީދޫގެ ހިއްސާ އޮންލައިންކޮށް!


ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންނަށް އުރީދޫގެ ހިއްސާ އޮންލައިންކޮށް ގަނެ، ފައިސާ ޖަމާކުރާނެ އިންތިޒާމު ހަމަޖައްސައިފިއެވެ. ބީއެމްއެލްއާއި އުރީދޫ އާއި އެކު އެކުލަވާލި އައިޕީއޯގެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެބޭންކްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާންއެވެ.

ރާއްޖޭގައި ޓެލެކޮމިނިކޭޝަންގެ ހިދުމަތް ދޭން ފެއްޓި ދެވަނަ ކުންފުނި އުރީދޫއިން އެ ކުންފުނީގެ ހިއްސާ ވިއްކަން ފަށާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އުރީދޫން ހިއްސާއެއް ވިއްކަމުން އަންނަނީ 30 ރުފިޔާއަށެވެ. ބީއެމްއެލްގެ ކަސްޓަމަރުންނަށް އޮންލައިންކޮށް ހިއްސާ ގަނެ ޖަމާކުރެވޭނެ އިންތިޒާމުން ހަމަޖެއްސުމަށް އެ ބޭންކުން ވަނީ އުރީދޫއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން ބީއެމްއެލް ކަސްޓަމަރުންގެ ތެރެއިން އުރީދޫގެ ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް އުރީދޫގެ ވެބްސައިޓުން ކޮންމެ ވަގުތަކު ވެސް ޑިޕޮސިޓްރީ އެކައުންޓް ހުޅުވައި، ހިއްސާ ގަނެވޭނެއެވެ.

img:http://s1.psmnews.mv/images/660x400/14944103562536.jpg|އުރީދޫ މޯލްޑިވްސްއާއި ބީއެމްއެލްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އުރީދޫ މޯލްޑިވްސް

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ރާއްޖޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ ވިޔަފާރީގެ ހިއްސާދާރަކަށްވުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ އައި.ޕީ.އޯގެ ބޭންކަރގެ ގޮތުގައި ބީ.އެމް.އެލުން ދޭ އެއްބާރުލުމަށް ޝުކުރުއަދާކުރާކަމަށެވެ. 

އުރީދޫ މޯލްޑިވްސްގެ ޙިއްޞާ ގަތުމުގެ ފުރުޞަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުންނާއި އުރީދޫ ބިޒްނަސް ޕާރޓްނަރުންނާއި އަދި ޕޯސްޓް އޮފީސްތަކުންވެސް ހިއްސާ ގަންނަން ލިބެނޭކެމަށް އުރީދޫން ބުނެއެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާ އާއި މޯލްޑިވްސް އިސްލާމިކް ބެންކުގެ ބުރާންޗުތަކުގެ އިތުރުން ލައިސްންސް ލިބިފައިވާ ޑީލިންގ ކުންފުނިތައް މެދުވެރިކޮށްވެސް ހިއްސާ ގަންނަށް ލިބޭނެކަމަށް އުރިދޫން ބުނެއެވެ.