ވިޔަފާރި

އެސްޓީއޯއިން ފިޔައާއި އަލުއްވާއި ކުކުޅުބިސް ވިއްކަން ފަށައިފި


އެސްޓީއޯއިން ރަމަޟާންމަހަށް ޚާއްޞަކޮށްގެން ގެނައި ފިޔައާއި އަލުއްވާއި ކުކުޅުބިސް ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން މިހާރު ވަނީ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ގެނައި ތަކެތީގެ އަގު ޢާންމުކޮށްފައެވެ. އެގޮތުން ފިޔާ ބަސްތާއެއް ވިއްކަނީ 170 ރުފިޔާއަށެވެ. ވަކިން ފިޔާ ކިލޯއެއް ވިއްކަނީ 8 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް ވިއްކަނީ 220 ރުފިޔާއަށެވެ. ވަކިން އަލުވި ކިލޯއެއް ވިއްކަނީ 10 ރުފިޔާއަށެވެ. ކުކުޅުބިސް ކޭހެއް ވިއްކަނީ 270 ރުފިޔާއަށެވެ. ވަކިން ކުކުޅުބިސް ވިއްކަނީ ބިހެއް އެއް ރުފިޔާ ފަންސާސް ލާރީގެ ރޭޓުންނެވެ.

img:http://s3.psmnews.mv/images/660x400/14947754591445.jpg|އެސްޓީއޯއިން ރޯދަމަހަށް ގެނެސްފައިވާ އަލުވި

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ރަމަޟާންމަހު ބާޒާރުގައި ފިޔައާއި އަލުއްވާއި ކުކުޅުބިހުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން ތައްޔާރަށް އޮތްކަމަށެވެ. މީގެކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަހީރު ވަނީ، މިދިޔަ އަހަރު އެކުންފުނިން ވިއްކި އަގުގައި މިފަހަރުވެސް ޢާއްމުންނަށް ފިޔައާއި އަލުއްވާއި ކުކުޅުބިސް އެއްވަރެއްގައި ގަންނަން ލިބޭނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެސްޓީއޯގެ ފިހާރަތައް މެދުވެރިކޮށް އަތޮޅުތެރޭގެ ރަށްތަކުގައިވެސް މާލެއެކޭ އެއްއަގުތަކެއްގައި ފިޔައާއި، އަލުއްވާއި ކުކުޅުބިސް ވިއްކަމުންދާނޭކަމަށް ޝަހީރު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14947754882211.jpg|އެސްޓީއޯއިން ރޯދަމަހަށް ގެނެސްފައިވާ ބިސް ކޭސްތަކެއް

ރަމަޟާން މަހާ ދިމާކޮށް މާލޭ ބާޒާރުގައި ކޮންމެ އަހަރަކުވެސް ފިޔައާއި، އަލުއްވާއި ބިހުގެ ޑިމާންޑް ބޮޑުވެ، މިތަކެތީގެ އަގުމައްޗަށްދެއެވެ. ނަމަވެސް އެސްޓީއޯއިން މި ބާވަތްތައް ރާއްޖެ ގެނެސް، ވިއްކަން ފެށުމުން ބަޒާރުގައި މިތަކެތީގެ އަގު މައްޗަށް ނުގޮސް އެއްވަރެއްގައި ހިފެހެއްޓޭކަން ފާހަގަކޮށްލެވެއެވެ.