ކުޅިވަރު

ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ޒެފްރޯލް ހޯދައިފި


އެއްވެސް މެޗަކުން ބަލިނުވެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ކުލަބް ޒެފްރޯލް ހޯދައިފިއެވެ. ޒެފްރޯލް މުބާރާތުގެ ޗެންޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑް 4 ލަނޑު 1 ލަނޑުން ބަލިކޮށްގެންނެވެ.

 މާލޭ ލީގު ކޮލިފިކޭޝަންގެ ފުރުސަތު ލިބިފައިވާ މިދެ ޓީމް ވާދަކުރި ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ޒެފްރޯލުންނެވެ. މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގެވެސް އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ރިފާއުއެވެ. މެޗުގެ ދެވަނަ ހާފްގެ ވަރަށް ކުރީކޮޅު ޒެފްރޯލްގެ ބިދޭސީ ކުޅުންތެރިޔާ އަބޫއަށް ލިބުނު ފުރުސަތު ބޭކާރުވެގެންދިޔަ ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އަބޫއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާ އޭނާ ވަނީ ޒެފްރޯލްއަށް ލީޑް ފުޅާކޮށްދީފައެވެ. ޒެފްރޯލް މޮޅުކޮށްދިނުމުގައި ފުރަތަމަ ޑިވިޝަންގައި ގިނަ އަހަރުތަކެއްގައި ކުޅެފައިވާ ބިދޭސީ ކުޅުންތެރިޔާ ވަނީ މުޙިއްމު ދައުރެއް އަދާކޮށްފައެވެ. މެޗުގައި ޒެފްރޯލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހީމް ޝާތިރުއެވެ. މެޗުގައި ކުޑަހެންވޭރު ޔުނައިޓެޑްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔާމީން މުހައްމަދުއެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރު އާތިފް ކައިރިން ބޯޅަ ގޯލަށް ވަނީ މަޑުމަޑުންނެވެ. ޒެފްރޯލްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަބްދުލް ގަދަރުއެވެ.

img:http://s3.psmnews.mv/images/660x400/14948220181066.jpg|ޒެފްރޯލްގެ ޝާޔިޜު ލަނޑަށްފަހު ނިޝާންއާއެކު އުފާފާޅުކުރަނީ: ފޮޓޯ-ޕީއެސްއެމް

މެޗަށްފަހު ޒެފްރޯލްގެ ކޯޗް އަހުމަދު ނާޝިދު ( ނާދު ) ބުނީ މެޗަށް ނިކުތީވެސް ވަރަށް ރަނގަޅަށް ތައްޔާރުވެގެންކަމަށާއި، މުބާރާތުގައި ޒެފްރޯލުން ދައްކަމުން އައިސްފައިވާ ކުޅުމުގެ ސަބަބުން ޗެންޕިއަންކަން ލިބޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮތްކަމަށެވެ.

"ފައިނަލް މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވިން. މުބާރާތުގައި ޓީމްގެ ފަރާތުން ފެނުނު  ކުޅުމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. މެޗުގެ ފުރަތަމަ ހާފްގައި ޒެފްޒޯލުން ދެއްކި ކުޅުމަށް ބަލާއިރު، ދެވަނަ ހާފްގައި ލަނޑުތަކެއް ޖެހޭނެކަމަށް ޔަޤީންކަން އޮތް. މިއީ ވަރަށް ގިނަ ދުވަސްތަކެއްގެ މަސައްކަތް، މިއީ ހަމައެކަނި ކުޅުންތެރިން ކުރި މަސައްކަތެއްވެސްނޫން، މެނޭޖްމަންޓާއި ޒެފްރޯލްއަށް އެކިގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ މަސައްކަތް މިއީ." ނާދު ބުންޏެވެ.

ކުޑަހެންވޭރު ޔުނައިޓެޑްގެ ކޯޗު އަހުމަދު ނިޝާމް ބުނީ މެޗުގެ ފުރަތަމަ ހާފްގައި ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަކަމަށެވެ. ނަމަވެސް ޒެފްރޯލްގެ ފުރަތަމަ ގޯލާއެކު ކުޅުންތެރިންގެ ހިތްވަރު ވަރަށް ބޮޑުތަން ދަށްވެގެންދިޔަކަމަށް ކޯޗް ފާހަގަކުރިއެވެ. އަދި ފައިނަލް މެޗްގައި ޒެފްރޯލްއިން މާރަނގަޅަށްވެސް ކުޅުނުކަމަށާއި، އެކަން ހުއްޓުވުމަށް ކުޑަހެންވޭރު ޔުނައިޓެޑްގެ ކުޅުންތެރިންނަށް މެޗްގައި މާބޮޑު މަސައްކަތެއް ނުކުރެވުނުކަމަށް ކުޑަހެންވޭރު ޔުނައިޓެޑްގެ ކޯޗް އަހުމަދު ނިޝާމް ބުންޏެވެ. ފައިނަލް މެޗުގެ ޕްރެޝަރުވެސް ކުޅުންތެރިންނަށް ހޭންޑްލް ނުކުރެވުނުކަމަށްވެސް އޭނާ ބުންޏެވެ.

img:http://s4.psmnews.mv/images/660x400/14948220487166.jpg|މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަލީ ހާފިޒުއަށް ޓްރޮފީ ދެނީ: ފޮޓޯ-ޕީއެސްއެމް

"ފައިނަލް މެޗަށް ނިކުތީ ވަރަށް ބޮޑަށް ތައްޔާރުވެގެން. ކުރިންވެސް އިނގޭ ޒެފްރޯލްއަކީ ވަރަށް މޮޅު ޓީމެއްކަން. މެޗުގެ ފުރަތަމަ ހާފްގައި ދިޔައީ  އަހަރެމެންނަށް ރަނގަޅަށް، ނަމަވެސް ފުރަތަމަ ހާފްގައި ޒެފްރޯލްއިން ޖެހި ގޯލާއެކު، ކުޅުންތެރިންގެ ހިތްވަރު ވަރަށް ބޮޑަށް ދަށްވެގެންދިޔަ. މެޗުގައި މޮޅުވާންޖެހޭ ވަރަށް ކުޑަހެންވޭރު ކުޅުންތެރިންނަށް މަސައްކަތް ކުރެވިފައެއްނުވޭ. ޒެފްރޯލްއިން މާރަނގަޅަށް ޖެއްސީ، ފައިނަލް މެޗުގެ ޕްރެޝަރާއެކު ކުޅުންތެރިންނަށް، ޒެފްރޯލް ޖެއްސިލެއް ވަރުގަދަކަމުން ނުހިފެހެއްޓިގެންދިޔައީ." ކުޑަހެންވޭރުގެ ކޯޗް އަހުމަދު ނިޝާމް ބުންޏެވެ.

ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ޒެފްރޯލްއާއި ރަނައަޕް ކުޑަހެންވޭރަށް ވަނީ މާލޭ ލީގް ކޮލިފިކޭޝަންއިން ފުރުސަތު ލިބިފައެވެ. މި ދެ ޓީމާއެކު ކޮލިފިކޭޝަންގައި ވާދަ ކުރާނީ މާލޭ ލީގު ތާވަލްގެ އެންމެ ފުލަށް ދާ ހަތަރު ޓީމެވެ. އަންނަ އަހަރު މާލޭ ލީގަށް ކޮލިފައިވާނީ ކޮލިފިކޭޝަނުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމެވެ.



މުބާރާތުގެ ވަނަތައް:

ޗެމްޕިއަން ޓީމް - ކްލަބް ޒެފްރޯލް

ރަނަރަޕް ޓީމް: ކުޑަހެންވޭރު ޔުނައިޓެޑް

ފެއަރޕްލޭ ޓީމް: ކްލަބް ޒެފްރޯލް

އެންމެ މޮޅު ކީޕަރު: އާތިފް އަހުމަދު ( ކްލަބް ޒެފްރޯލް )

އެންމެ މޮޅު ކުޅުންތެރިޔާ: އަލީ ހާފިޒު ( ކުޑަހެންވޭރު ޔުނައިޓެޑް )