ޚަބަރު

ރައީސްގެ ޚާއްސަ ވަފްދު އައްޑޫސިޓީއަށް ހިނގައްޖެ


އައްޑޫ ސިޓީއަށް ރޭ ނަގޫރޯޅިއެއް އަރައި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ ގެއްލުންތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ ވަފްދެއް އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފިއެވެ. 

އައްޑޫ ސިޓީއަށް ވަޑައިގެންނެވި ވަފްދުގެ އިސްބޭފުޅަކަށް ހުންނެވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފެވެ. އެމަނިކުފާނުގެ އަރިހުގައި، މިވަފްދުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަޑައިގަތެވެ. 

img:http://s4.psmnews.mv/images/660x400/14951104509284.jpg|ރައީސްގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އައްޑޫ ސިޓީއަށް ވަޑައިގެންނެވި ޑިފެންސް މިނިސްޓަރ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

އައްޑޫ ސިޓީއަށް ޑިފެންސް މިނިސްޓަރ ވަޑައިގެން، އެސިޓީގައި ގެއްލުން ލިބިފައިވާ ގެތަކަށް ޒިޔާރަތްކުރައްވައި، އެތަންތަން ބައްލަވާލެއްވިއެވެ. އަދި ރައްޔިތުންނާއިި ބައްދަލުކުރައްވާ ހާލު ބެއްލެވިއެވެ. 

ނަގޫރޯޅި އެރުމާ ގުޅިގެން، އައްޑޫސިޓީއަށް ލިބިފައިވާ ގެއްލުންތައް ބައްލަވައި، މި ހާދިސާގައި އެހީތެރިކަން ބޭނުންވާނެ ކަންތައްތަކުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާއަށް ވަފްދުގެ ބޭފުޅުން އަރުއްވަމުން ގެންދަވާނެއެވެ.