ޚަބަރު

ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ނިންމަވައިފި


އައްޑޫ ސިޓީ ހިތަދޫއަށް ރޭ އެރި ނަގޫ ރޯޅީގައި ލިބުނު ގެއްލުންތަކަށް ސަރުކާރުން އެހީދެއްވާ ގޮތަށް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުޢާޒް އަލީ ވިދާޅުވީ، ރޭ އެރި ނަގޫރޯޅީގައި ލިބުނު ގެއްލުންތަކަށް އެހީވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ނިންމަވާފައިވާކަމަށެވެ.

އައްޑޫ ސިޓީއަށް ރޭ ނަގޫރޯޅިއެއް އަރައި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އެ ގެއްލުންތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ ވަފްދެއްވެސް ވަނީ އައްޑޫ ސިޓީއަށް ފޮނުއްވާފައެވެ. އައްޑޫ ސިޓީއަށް ވަޑައިގެންނެވި ވަފްދުގެ އިސްބޭފުޅަކަށް ހުންނެވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފެވެ. އެމަނިކުފާނުގެ އަރިހުގައި، މިވަފްދުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަޑައިގަތެވެ.

ނަގޫރޯޅި އެރުމާ ގުޅިގެން، އައްޑޫސިޓީއަށް ލިބިފައިވާ ގެއްލުންތައް ބައްލަވައި، މި ހާދިސާގައި އެހީތެރިކަން ބޭނުންވާނެ ކަންތައްތަކުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާއަށް ވަފްދުގެ ބޭފުޅުން ދަނީ އަރުއްވަމުންނެވެ.