ޚަބަރު

ގެއްލުންވި ގެތައް މަރާމާތުކުރުމުގެ މަސައްކަތް ފައްޓަވައިފި


ރޭ ކުރި ވިއްސާރައިގައި އައްޑޫ ސިޓީ ހިތަދޫން ގެއްލުން ލިބުނު ގެތަކުގެ މަރާމާތު މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާއާއެކު ޚާއްސަ ޓާސްކް ފޯހެއް އެކުލަވައި އެންމެ ބޮޑަށް ގެއްލުންވި ގެތައް މަރާމާތު ކުރުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ހިތަދޫގެ ގެތަކަށް ލިބުނު ގެއްލުންތައް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ޚާއްޞަ ވަފްދެއް މިއަދު ވަނީ އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ.

އައްޑޫ ސިޓީ ހިތަދޫއަށް ނަގޫރޯޅިއެއް އަރައި، ރަށުގެ ބައެއް ގެތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ ހިތަދޫއަށް ޚާއްސަ ވަފުދެއް ފޮނުވާފައެވެ. ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރު އިސްކޮށް ހުންނެވި މިވަފުދު މިއަދު ހަވީރު އައްޑޫ ސިޓީއަށް ވަޑައިގެން ގެއްލުންވި ގެތަކަށް ޒިޔާރަތްކުރައްވާ އެގެތަކަށް ލިބުނު ގެއްލުންތައް ބައްލަވާ، އެގެތަކުގައި ދިރިއުޅޭ ޢާއިލާތަކުގެ ހާލަތު ބައްލަވާލެއްވިއެވެ.

ރޭ ހިނގި މިހާދިސާގައި ހިތަދޫގެ މެދު ދާއިރާގައި ހިމެނޭ ޖުމްލަ 19 ގެއަކަށްވަނީ އެކިވަރުގެ ގެއްލުންތަކެއްވެފައެވެ. މީގެ ތެރެއިން 13 ގެއެއްގެ ފުރާޅު އެއްލާލުމާއި، ސީލިންގ ހަލާކުވުމާއި ހިފާ ގެންގުޅޭ ތަކެތި ހަލާކުވުންފަދަ ބޮޑެތި ގެއްލުންތައް ވެފައިވެއެވެ.

މިގެތަކަށް ވަޑައިގަތުމަށްފަހު ޕީ.އެސް.އެމް ނިއުސްއާ ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ޑިޒާސްޓަރ މެނޭޖްމަންޓްގެ ފަރާތުން ބައެއް އާއިލާތަކުގެ ކެއުމާއި ނިދުމުގެ ކަންކަން ހަމަޖައްސަވަން ފައްޓަވާފައިވާކަމަށެވެ.

އައްޑޫ ސިޓީގެ ގެއްލުންވި ގެތައް މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށް އެކުލަވާލެއްވި ޓާސްކް ފޯހުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ޑިފެންސް މިނިސްޓަރ ވިދާޅުވީ ގެއްލުން ލިބުނު ގެތައް ވީހާވެސް އަވަހަށް މަރާމާތުކޮށް ނިންމުމަށް ވަރަށް ބޮޑު އިސްކަމެއް ސަރުކާރުންދެއްވާކަމަށާއި، އެމް.އާރު.ޑީސީން އިސްވެ ކުރައްވާ މިމަސައްކަތް ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމާލެވޭނެކަމަށެވެ.

މިމަސައްކަތުގައި އައްޑޫ ސިޓީގައި ހިމެނޭ ސަރުކާރުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި އައްޑޫ ސިޓީ ކައުންސިލްގެ އެއްބާރުލުން ލިބެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ގެއްލުންވި އާއިލާތަކަށް ސަރުކާރުންވެސް އެހީތެރިވެދެއްވާނެކަމަށާއި، މިކަމުގައި އަމިއްލަ ފަރާތްތަކުންވެސް އެހީތެރިވެދެއްވި ދާނެކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ޖަޒީރާ ޤައުމަކަށް ވުމާއެކު އެކި މޫސުން ތަކުގައި ދިމާވާ މިފަދަ ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އައްޑޫ ސިޓީގައި ޚާއްސަ މެކޭނިޒަމްތަކެއް ކުރިއަށް އޮތްތަނުގައި ޤާއިމްކުރައްވާނެކަމަށްވެސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވިއެވެ.