ޚަބަރު

ހިތަދޫގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ގެތައް މަރާމާތުކުރުން


އައްޑޫ ސިޓީ ހިތަދުއަށް އެރި ނަގޫރޯޅީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ގެތަކުގެ ތެރެއިން 3 ގެއެއްގެ ފުރާޅުގައި ޓިނުޖެހުމުގެ މަސައްކަތް ފަށައިފިއެވެ.

ބުދަ ދުވަހުގެ ރޭ ބޮޑެތި ގެއްލުންވި 13 ގޭގެ ތެރެއިން އެންމެ ބޮޑަށް ގެއްލުންވި ގެތަކުގެ މަރާމާތުގެ މަސައްކަތް ރެއިން ފެށިގެން ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ. މިކަމަށްޓަކައި ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައި ރޭއިރާކޮޅުފެށި މަސައްކަތުން މިހާތަނަށް 3 ގެއެއްގެ ފުރާޅުގައި ޓިނުޖެހުމުގެ ބޮޑުބައި ވަނީ ނިމިފައެވެ. ސިފައިންނާއި ފުލުހުންނާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓްގެ ބެލުމުގެ ދަށުން މިމަސައްކަތް ހުއްޓާނުލައި ކުރަމުންދާއިރު، އެންމެ ބޮޑަށް ގެއްލުންވި ފަސް ގޭގެ މަސައްކަތް ހުއްޓާނުލާ ދަނީ ކުރަމުންނެވެ.

އެގެތަކުގެ ތެރެއިން ކެއުމާއި ނިދުމުގެ ކަންކަމުގައި ސަރުކާރުގެ އެހީ ބޭނުންވާ ޢާއިލާތަކަށް ސަރުކާރުން ގެންދަވަނީ އެހީތެރިވެދެއްވަމުންނެވެ. އަދި ހިފާގެންގުޅޭ ސާމާނު ހަލާކުވި ގެތަކަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު މެދުވެރިކޮށް އެތަކެތިވެސް ފޯރުކޮށްދެއްވުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށާފައެވެ. ރަމަޟާން މަސްފެށުމުގެ ކުރިން ހުރިހާ ގެއެއްގެ މަސައްކަތްވެސް ނިންމައި މީހުންނަށް ދިރިއުޅެވޭވަރު ކޮށްދެއްވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.