މިދިޔަ އަހަރު ނިމުނުއިރު ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެދެވޭފަދަ ކުރިއެރުންތަކެއް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭއިން ވަނީ ހާމަކުރައްވާފައެވެ. މަރުކަޒީ ބޭންކްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި އެ ބޭންކުން ވަނީ ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ކުރިއެރުންތަކަށް ތަފްޞީލްކޮށްދެއްވާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ދެހާސް ފަނަރަވަނަ އަހަރު އަށެއް ޕޮއިންޓް ދޭއް އިންސައްތައިގައި ހުރުމަށްފަހު، ނިމިގެންދިޔަ 2016ވަނަ އަހަރު މި އަދަދު %9.3 މައްޗަށް ގޮސްފައިވާކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ލަފާކުރައްވާފައެވެ.
2016ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ކުރިއަރާފައި ވަނީ ފަތުރުވެރިކަމާއި ޢިމާރާތްކުރުމުގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކުގެ ސަބަބުންނެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައިވުމާއެކު، ޖުމްލަ ގޮތެއްގައި މި ދާއިރާ ވަނީ ކުރިއަރަން ފަށާފައެވެ.
ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު އިތުރުވުމުގެ މައިގަ ނޑު ސަބަބަކީ ޔޫރަޕްގެ އިޤްތިޞާދީ ދުވެލި ކުރިއެރުމާއި ދިވެހިރާއްޖެއާއި އެހެން ގައުމުތަކާ ދެމެދު ކުރާ ވައިގެ ދަތުރުފަތުރުގެ އާ މަންޒިލްތައް އިތުރުވެގެން ދިޔުމެވެ.. ނަމަވެސް، މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، ކުރިން އަންދާޒާކުރި އަދަދަށްވުރެ ދަށްވެފައިވެއެވެ.
މިކަމުގެ މައިގަނޑު ސަބަބަކީ ޗައިނާގެ އިޤްތިޞާދީ ދުވެލި ދަށްވުމާ ގުޅިގެން ފަހަކަށް އައިސް އެ ޤައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްވަމުން ދިއުމެވެ. އަދި ޔޫއެސް ޑޮލަރުގެ އަގު މަތިވުމާ ގުޅިގެންވެސް ފަތުރުވެރިކަމުގެ ސިނާޢަތަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސްފައިވާކަމަށް މަރުކަޒީ ބޭންކުން ފާހަގަކުރައްވާފައިވެއެވެ.
ޢިމާރާތްކުރުމުގެ ދާއިރާއަށް 2016ވަނަ އަހަރު އައިސްފައިވާ ކުރިއެރުންތަކަށް ބަލާއިރު، މި ދާއިރާ ބޮޑަށް ކުރިއަރާފައިވަނީ ސަރުކާރުގެ ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާއި އާ ރިސޯޓުތައް ތަރައްޤީކުރުމާއި މިހާރު ހުރި ރިސޯޓްތައް މަރާމާތުކުރުމުގެ މަސައްކަތްތަކާއި، މާލެއާއި ހުޅުމާލޭގައި ގެދޮރާއި ވިޔަފާރީގެ ތަންތަން ޢިމާރާތްކުރި އަދަދު އިތުރުވުމުގެ ސަބަބުންނެވެ.
ހަމަ މިއާއެކު، މަސްވެރިކަމުގެ ދާއިރާއަށްވެސް މިދިޔަ އަހަރު ބޮޑު ކުރިއެރުމެއް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ހުސްވިއަހަރުގެ ތެރޭގައި ރާއްޖޭގެ ކުންފުނިތަކަށް ކަނޑުމަސް ކިރުވި އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެ، މަސް އެކްސްޕޯޓް ކުރެވުނުވަރު ވަނީ އިތުރުވެފައެވެ.
އިންފްލޭޝަން ރޭޓް ބަލާ މިންގަނޑު ކަމުގައިވާ، އަހަރުން އަހަރަށް ކޮންސިއުމާ ޕްރައިސް އިންޑެކްސްއަށް އަންނަ ބަދަލުން، މުދަލާއި ޚިދުމަތުގެ އަގުތައް މަތިވި މިންވަރު ނުވަތަ އިންފްލޭޝަން ރޭޓް ވަނީ އިތުރަށް މަޑުޖެހިލާފައެވެ. އަދި 2015ވަނަ އަހަރު އެވްރެޖްކޮށް އިންފްލޭޝަން ރޭޓް %1 ހުރުމަށްފަހު، މިދިޔަ އަހަރުވަނަ އަހަރު މި ރޭޓް ވަނީ %0.5 އަށް މަޑުޖެހިލާފައެވެ.
އަހަރުގެތެރޭގައި އިންފްލޭޝަން ރޭޓް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު، ޚާއްޞަކޮށް ތެލުގެ އަގު މައްޗަށް ދިޔަ މިންވަރު ދަށަށްދިއުމެވެ. ރާއްޖޭގެ ބާޒާރުގައި ކަނޑުމަހުގެ ބާވަތްތަކުގެ އަގުތައް ދަށަށް ދިޔުމުން އިންފްލޭޝަން މައްޗަށް ދިޔަ މިންވަރު ދަށްވެފައެވެ.
މީގެ އިތުރުން ތެލުގެ އަގާ ގުޅުން ހުރި ބައިތައް ކަމުގައިވާ ކަރަންޓާއި ދަތުރުފަތުރުގެ އަގުތައް ދަށްވެފައިވުމާއެކު އިންފްލޭޝަން ރޭޓް ވަނީ މަޑުޖެހިލާފައެވެ. ނަމަވެސް ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެއްވަމުން ގެންދެވި ސަބްސިޑީގެ ސިޔާސަތަށް ގެންނެވި ބަދަލާ ގުޅިގެންނާއި، ދިރިއުޅޭ ތަންތަނުގެ ކުލިބޮޑުވުމުގެ ސަބަބުން އަހަރުގެ ފަހުކޮޅު އިންފްލޭޝަން ރޭޓް މައްޗަށް ދިޔުމަށް މަގުފަހިވެފައިވާކަން މަރުކަޒީ ބޭންކްގެ ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ.