ޚަބަރު

"ސީ" ފޯމް ފުރިހަމަކުރުމަކީ ލާޒިމްކަމެއް- ފޮރިން މިނިސްޓްރީ


އިންޑިއާއަށް ދަތުރުކުރާ ދިވެހިންގެ މަޢުލޫމާތާއެކު ފުރިހަމަކުރަންޖެހޭ "ސީ" ފޯމް ފުރިހަމަކޮށްފައި ނެތުމުގެ ސަބަބުން ތަފާތު މައްސަލަތައް ކުރިމަތިވަމުން އަންނަކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ވިދާޅުވީ އިންޑިއާއަށް ދަތުރުކުރާ އެހެން ޤައުމުތަކުގެ ރައްޔިތުން، އެޤައުމަށް އެތެރެވާ ހިސާބުން، އެމީހަކާއި ގުޅޭ ފުރިހަމަ މަޢުލޫމާތާއެކު އިންޑިއާގެ ފޮރިނާސް ރެޖިސްޓްރޭޝަން އޮފީހަށް ހުށަހަޅަންޖެހޭ "ސީ" ފޯމް ފުރިހަމަކުރުމަކީ ލާޒިމް ކަމެއްކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން "ސީ" ފޯމް ހުށަހެޅުމުގެ ކަންކަން ފުރިހަމަކޮށްފައި ނެތުމުގެ ސަބަބުން ފަހަކަށް އައިސް އިންޑިއާއަށް ދަތުރުކުރާ ދިވެހީންނަށް ތަފާތު މައްސަލަތައް ކުރިމަތިވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިފަދަ މައްސަލަތަކުގެ ސަބަބުން އިންޑިއާއަށް ވަކި މުއްދަތަކަށް އެތެރެ ނުވެވޭގޮތަށް އިންޑިއާގެ ކަމާގުޅޭ އިދާރާތަކުން ބައެއް ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވަމުން އަންނަކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އެހެންކަމުން "ސީ" ފޯމް ހުށަހެޅިތޯ ޔަޤީންކުރުމާއި އެޤައުމުގެ އެންމެހާ ޤަވާއިދުތަކާއި ޢާންމު މިންގަނޑުތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، އަދި އެޤައުމުގެ ރަސްމީ އިދާރާތަކުން އަންގަވާފައިވާ އެންގެވުންތަކާއި ދެއްވާފައިވާ އިރުޝާދުތަކަށް އަމަލުކުރުމަކީ ކުރުން ލާޒިމްކަމެއްކަމުގައި ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އަދި އިންޑިއާގައި އުޅުއްވާއިރު ދިވެހި ކޮންސިއުލަރގެ އެހީތެރިކަން ބޭނުންވާ ފަދަ މައްސަލައެއް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ގުޅުއްވައި މަޢުލޫމާތު ހިއްސާކޮށްދެއްވުމަށް ފޮރިން މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.