ވިޔަފާރި

ފުޑް އެންޑް ބެވަރޭޖް ޝޯ ނިމިއްޖެ


ރަމަޟާންމަހަށް ޚާއްޞަކޮށްގެން ހައިރައިޒުން އިންތިޒާމްކޮށްގެން ނޭޝަނަލް އާރޓްގެލަރީގައި ކުރިއަށްގެންދިޔަ ފުޑް އެންޑް ބެވަރޭޖް ޝޯ ނިމިއްޖެއެވެ. މިފަހަރުގެ ޝޯއަށްވެސް ބޮޑު ތަރުޙީބެއް ލިބުނުކަމަށް ހައިރައިސްއިން ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނޭޝަނަލް އާރޓްގެލަރީގައި ފެށި، މި ޝޯގައި ޖުމްލަ ފަނަރަ ކުންފުންޏަކުން ބައިވެރިވިއެވެ. މިޝޯގައި ކުންފުނިތަކުން ވަނީ އެ ކުންފުނިތަކުގެ އުފެއްދުންތައް ދައްކާލައި، އެ އުފެއްދުންތައް ޢާންމުންނަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިޝޯގައި ބައިވެރިވި ބައެއް ކުންފުނިތަކުން ބުނީ، ސްޓޯލްތަކަށް ލިބުނު ތަރުޙީބު ވަރަށް ރަނގަޅުކަމަށެވެ. މިޝޯގެ ސަބަބުން ކުންފުނިތަކުގެ އުފެއްދުންތައް މާރކެޓްކުރުމުގައި އިތުރު ފުރުޞަތުތަކެއް ހުޅުވިގެން ހިނގައްޖެކަމަށް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ހައިރައިސްގެ އޮޕްރޭޓިން މެނޭޖަރ މުޙައްމަދު ނައްވާފު ރަޝީދު ވިދާޅުވީ އެފްއެންޑް ބީއަށް ޢާއްމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބުނުކަމަށެވެ.

މި ޝޯގައި ރާއްޖޭގައި ވިޔަފާރިކުރާ މަޝްހޫރު ގިނަ ކުންފުނިތަކަކުން ވަނީ އެ ކުންފުނިތަކުގެ އައު އުފެއްދުންތައް ދައްކާލާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ސްޓޯލަކީ މި ޝޯގައި ބައިވެރިވި ސްޓެލްކޯގެ ސްޓޯލެވެ. ސްޓެލްކޯއިން ވަނީ ދާދިފަހަކުން އެކުންފުނިން މާކެޓަށް ނެރުނު ފެން މި ޝޯގައި ޢާއްމުނަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ހުޅުވާލާފައެވެ. ސްޓެލްކޯގެ މި ފެނަށް ޢާއްމުންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށް އެކުންފުނިން ބުނެއެވެ. މިއީ ހައިރައިޒްއިން އެފް އެންޑް ބީ ޝޯ ކުރިއަށްގެންދާ ދެވަނަ ފަހަރެވެ.