ޚަބަރު

ފާހަގަކޮށްލެވޭ ކަނބަލުންގެ ވާހަކައާއެކު "ރަންމުތް" ނެރެފި


އަންހެނުންގެ މަސައްކަތް ފާހަގަކޮށް "ރަންމުތް"ގެ ނަމުގައި ހޯޕް ފޯރ ވިމެންއިން ފޮތެއް ނެރެފިއެވެ. މިފޮތް ނެރެދެއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދް ޒަކީއެވެ.

ރަންމުތް ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދް ޒަކީ ވިދާޅުވީ، ގިނަ އަދަދެއްގެ އަންހެން ކަނބަލުން ތައުލީމީ ދާއިރާއިން އެކި އެކި ކާމިޔާބީތައް ހޯދަމުން އަންނަކަމަށެވެ. އެހެންނަމަވެސް މަސައްކަތުގެ މާޙައުލާއި ކަންކަން ނިންމުމުގެ މަރުޙަލާގައި އަންހެނުންގެ ހިއްސާ ކުޑަކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

\ img:http://s4.psmnews.mv/images/660x400/14956496933775.jpg|ފޮތް ނެރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޒެނީޝާ ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

ހޯޕް ފޯ ވިމެންގެ ފައުންޑަރ މެމްބަރ ރާޝިދާ ޔޫސުފް ވިދާޅުވީ ރަންމުތް ފޮތުގައި ހިމަނާފައިވާ ކަނބަލުންނަކީ ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރެއްވި ޤާބިލު ކަނބަލުންތަކެއްކަމަށެވެ. އަދި ރާއްޖޭގެ ތާރިޚުގައި ފާހަގަކޮށްލެވުނު މި ކަނބަލުންގެ ހަޔާތުގައި ދިމާވި ހުރަސްތަކުގެ ވާހަކަތައްވެސް މި ފޮތުގައި ހިމަނުއްވާފައިވާނޭކަމަށް ރާޝިދާ ޔޫސުފް ވިދާޅުވިއެވެ.  

އެކި ދާއިރާތަކުގެ އިސް ސަފަށް އެންމެ ފުރަތަމަ ނުކުތް އަންހެން ކަނބަލުންގެ ވާހަކަތަަކަށް ހާއްސަކޮށްގެން ނެރުނު ރަންމުތް މި ފޮތުގައި ބާވީސް ކަަނބަލެއްގެ ވާހަކަތައް ހިމަނާފައިވެއެވެ.