ޚަބަރު

ދޫނިދޫގައި މަސައްކަތްކުރާ ފަރާތްތަކަށް މިސްކިތެއް ހުޅުވައިފި


ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެރަށަށް އެކިބޭނުންތަކުގައި ޒިޔާރަތްކުރާ މީހުންނަށް ޚާއްސަކޮށްގެން އެރަށުގައި މިސްކިތެއް ހުޅުވައިފިއެވެ. 

އެއްފަހަރާ 250 މީހުންނަށް ނަމާދުކުރެވޭ މި މިސްކިތަކީ ދިވެހި ސަރުކާރާއި ދީލަތި ފަރާތްތަކުގެ އެހީގައި ދޫނިދޫގައި ބިނާކުރެއްވި މިސްކިތެކެވެ. ދޫނިދޫގައި ބިނާކުރެއްވި މި މިސްކިތް ހުޅުވައިދެއްވީ ހޯމް މިނިސްޓަރ އަޒްލީން އަޙްމަދާއި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީއެވެ. ރަސޫލާގެ ޞަޙާބީއެއްކަމަށްވާ ޒައިދުބިން ޙާރިޘްގެފާނަށް ނިސްބަތްކުރެވުނު މިމިސްކިތް ހުޅުއްވައިދެއްވާ، އެ މިސްކިތުގައި މެންދުރު ނަމާދުކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި މިސްކިތް ބިނާކުރުމުގެ އާދަކާދައަކީ ދިވެހިންގެތެރޭ ޒަމާނުއްސުރެ އޮތްކަމެއްކަމަށެވެ. އަދި އެއީ އިސްލާމްދީން ފެތުރުނީއްސުރެ މުސްލިމުންގެ މެދުގައި އޮތް މަތިވެރި ދީނީ ޝިޢާރެއްކަމަށް މިނިސްޓަރ ޒިޔާދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14957245704078.jpg|ދޫނިދޫ މިސްކިތް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕޮލިސް

ތިން މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ބިނާކުރި މި މިސްކިތުގެ ޢަމަލީ މަސައްކަތުގައި ޙަރަކާތްތެރިވެފައި ވަނީ ފުލުހުންނެވެ. އަދި މިމަސައްކަތުގައި ފަންނީ ބައެއް ބޭފުޅުންގެ އެހީތެރިކަންވެސް ވަނީ ލިބިފައެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަޙުމަދު އަޒްލީން ވިދާޅުވީ ދޫނިދޫގައި ބިނާކުރެވިގެންދިޔަ މިސްކިތް ހުޅުވުމާ ހަމައަށް ދޫނިދޫގައި ހަރަކާތްތެރިވާ ފުލުހުން ނަމާދު ކުރަމުން ދިޔައީ ވަރަށް ދަތި ހާލުގައި ކަމަށެވެ. އެހެންކަމުން މި މިސްކިތުގެ ސަބަބުން ކުރިއަށް އޮތް ރަމަޟާންމަހު އަޅުކަމުގެ ކަންކަމުގައި އުޅުއްވުމަށް ފުލުހުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.